ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދު

ގައުމު މިވަނީ އެކަކު އަނެކެއްގެ އިހުސާސްތައް ދެނެގަތުމުގެ ސިފައާއި އަޚުލާގަށް ބޭނުންވެފައި: ރައީސްގެ އަނބިކަނބަލުން

1

މި ގައުމު މިވަނީ އެކަކު އަނެކެއްގެ އިހުސާސްތައް ދެނެގަތުމުގެ ސިފައާއި އަހުލާގަށް ބޭނުންވެފައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަޒުނާ އަހުމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ މިއަދު ހެނދުނު ދަރުބާރުގޭގައި ކުރިއަށްދިޔަ ގައުމީ މަންހަޖު މުރާޖައާ ކުރުމުގެ މަހާސިންތާ އިފްތިތާހު ކޮށްދިނުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކައިގައި މަހާސިންތާގެ ހުރިހާ ބައިވެރީންގެ ކިބައިން ދަރިވަރުންގެ ކިބައިގައި ރިވެތި "ސިފަ” އަށަގެންނެވުމަށް ހާއްސަ ސަމާލުކަމެއްދީގެން މަޝްވަރާކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.

އަދި މި ގައުމު މިވަނީ މިއިން ޒަމާނަކު ބޭނުންނުވާ ވަރަށް، އެކަކު އަނެކަކަށް އިހުތިރާމް ކުރުމާއި އިހުސާންތެރިވުމާއި ކަމޭހިތުމުގެ ސިފައަށް ބޭނުންވެފައި ކަމަށް ވިދާޅުވިއެވެ.

އެކަމަނާ ވަނީ ދަރިވަރުންނަށް ކަންކަމާމެދު ވިސްނައި ފިކުރުކުރަން ދަސްކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށާއި، ތަފާތު ނަޒަރުން އެކިއެކި ކަންކަމާމެދު ސުވާލުކުރުމަށް ދަސްކޮށްދިނުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވައިފައެވެ.

މީގެއިތުރުން އެކަމަނާ ވަނީ ދަރިވަރުންނަށް އުނގެނުމަށް އުފާވެރި އަމާން މާހައުލެއް ބިނާކޮށްދެއްވުމަށް، މުދައްރިސުންނަށް ބާރުއަޅުއްވައި އެކަން ކުރެއްވޭނެ ގޮަތްތަކުގެ މައްޗަށް އަޅިއަޅުއްވައި ލައްވައިފައެވެ.

އަދި މަހާސިންތާގެ އެންމެހައި ބައިވެރިންގެ ކިބައިން އެބޭފުޅުންގެ މަސައްކަތްތައް އިހުލާސްތެރި ހެޔޮނިޔަތާއެކު ކޮށް، ގައުމީ މަސައްކަތެއްގެ ގޮތުގައި ގައުމީ މަންހަޖު މުރާޖައާ ކުރުމުގެ މަސައްކަތް ކޮށްދެއްވުމަށް ރައީސްގެ އަނބިކަަނބަލުން އެދިވަޑައިގެންނެވިއެވެ.

ގައުމީ މަންހަޖު އިސްލާހުކުރުމަށް މަހާސިންތާއެއް ބޭއްވެވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވައުދުފުޅެކެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟