ޚަބަރު

އެމްއެންޔޫއިން 12 ދަރިވަރަކަށް ސްކޮލަޝިޕް ދީފި

މުހައްމަދު ޖަމްޝަތް ވަހީދު

މޯލްޑިވްސް ނެޝަނަލް ޔުނިވަސީޓީ (އެމްއެންޔޫ) އިން 12 ދަރިވަރަކަށް ސްކޮލާޝިޕް ހަމަޖައްސައިދީފިއެވެ.

އެމްއެންޔޫ އޮޑިޓޯރިއަމް ގައި އެކަމަށްޓަކައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސްކޮލާޝިޕް ލިބުނު ކަމުގެ ލިޔުން ދީފައިވަނީ މި އަހަރުގެ ފުރަތަމަ ޓާމަށް ޔުނިވަސިޓީން ހުޅުވާލި 24 ފުރުސަތުގެ ތެރެއިން ޝަރުތު ހަމަވި 12 ދަރިވަރަކަށެވެ.

އެމްއެންޔޫ ދަރިވަރުންގެ ސްކޮލަޝިޕަކީ މަތީ ތައުލީމު ހާސިލުކުރަން ދަތިވެފައިވާ އެ ޔުނިވަސިޓީގެ ދަރިވަރުންނަށް އަމާޒުކޮށްގެން، ޔުނިވަސިޓީ ކައުންސިލުން ތައާރަފުކޮށްގެން ދޭ ސްކޮލަޝިޕެކެވެ. އެއީ ޓިއުޝަން ފީ ފްރީ ސްކޮލަޝިޕް އާއި ފުލް ސްކޮލަޝިޕް އެވެ.

މި އަހަރުގެ ފުރަތަމަ ޓާމަށް ސްކޮލާޝިޕް ތަކަށް ޖުމްލަ 222 ދަރިވަރަކު ކުރިމަތި ލިއެވެ. އޭގެ ތެރެއިން ޓިއުޝަން ފީ ފްރީ ސްކޮލަޝިޕަށް ހުޅުވާލި 20 ފުރުސަތަށް 111 ދަރިވަރުން ވަނީ ކުރިމަތިލައިފައެވެ. އަދި އަންޑަގްރެޖުއޭޓް ފުލް ސްކޮލަޝިޕްގެ ދެ ފުރުސަތަށް 73 ދަރިވަރުން ކުރިމަތިލި އިރު ޕޯސްޓް ގްރެޖުއޭޓް ފުލް ސްކޮލަޝިޕްގެ ދެ ފުރުސަތަށް 38 ދަރިވަރުން ކުރިމަތިލިއެވެ.

އޭގެ ތެރެއިން ޝަރުތު ހަމަވެގެން ދެ ދަރިވަރަކަށް ވަނީ އަންޑަގްރެޖުއޭޓް ފުލް ސްކޮލަޝިޕް ލިބިފައެވެ. އަދި ޕޯސްޓްގްރެޖުއޭޓް ފުލް ސްކޮލަޝިޕްވެސް ދެ ދަރިވަރަކަށް ލިބިފައިވާ އިރު އަންޑަގްރެޖުއޭޓް ޓިއުޝަން ފީ ފްރީ ސްކޮލަޝިޕް ހަ ދަރިވަރަކަށް ވަނީ ލިބިފައެވެ. އަދި ޕޯސްޓްގްރެޖުއޭޓް ޓިއުޝަން ފީ ފްރީ ސްކޮލަޝިޕް ދެ ދަރިވަރަކަށް ވަނީ ލިބިފައެވެ.