"ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް" ގެ ދަށުން މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅާލުމަށް އަޅާ ބްރިޖުގެ ކަނޑުއަޑީގެ މަސައްކަތްތަކެއް ކުރުމަށް ހާއްސަ ބާޖެއް ގެނެސްފިއެވެ.
ހައުސިން މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވީ، މި ބާޖަކީ ފުން ހިސާބުތަކުގެ ޖިއޯޓެކްނިކަލް ސާވޭތަކަށް ގެނައި ބާޖެއް ކަމަށެވެ. އަދި ބްރިޖުގެ ޕައިލިން މަސައްކަތްތަކަށްވެސް މި ބާޖު ބޭނުންކުރާނެ ކަމަށް ވިދާޅުވިއެވެ.
"ވަން" އިން އެއްކުރި މައުލޫމާތު އެނގޭ ގޮތުގައި "ރުމެއިލާ" ނަމަކަށް ކިޔާ މި ބާޖަކީ ގަލްފް ޑްރިލިން އިންޓަނޭޝަނަލް ނަމަކަށް ކިޔާ ކުންފުންޏެއްގެ ބާޖެކެވެ. ތިން ފައި ހުންނަ މި ބާޖުގެ ދިގުމިނުގައި، ހެލިކޮޕްޓަރު ޑެކަކާ އެކު 206 ފޫޓު ހުރެ އެވެ. ފައިތަކުގެ ދިގު މިނަކީ 406 ފޫޓެވެ.
މި ބާޖު ބޭނުންކޮށްގެން ކަނޑުގެ 246 ފޫޓު އަޑީގެ ތަހުގީގުތައް ކުރެވޭނެއެވެ.
ޕްލޭނިން މިނިސްޓްރީގެ އަމާޒަކީ އަމަލީ މަސައްކަތް ފަށާތާ 27 މަސް ދުވަހުގެ ތެރޭގައި މާލެއިން ގުޅިފަޅަށް ބްރިޖު ގުޅައިލުމެވެ. އަދި މާލެއިން ތިލަފުއްޓަށް ގުޅައިލުމަށް އަމާޒު ހިފާފައިވަނީ 2024 ވަނަ އަހަރުގެ މެދެއްހާ ހިސާބުގައި ކަމަށް މިނިސްޓްރީން ބުނެއެވެ.