ކޮންމެ ސަރުކާރެއް ބަދަލުވުމާއެކުގައި ފުލުހުންގެ މުއައްސަސާ މެދުވެރިކޮށް ސިޔާސީ މީހުންނަށް ބިރުދެއްކުމަށް ހިންގާ އަމަލުތައް މި ގައުމުން ހުއްޓާލަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިންމަނިކު ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ރަސްމީ މަސައްކަތަށް ހުރަސްއަޅައި، ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅާފައިވާ ކަމުގެ ތުހުމަތުގައި ބަޔާން ނެގުމަށް ނިހާން މިރޭ ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ.
ފުލުސް އޮފީހުން ނުކުމެވަޑައިގެން ރާއްޖެ ޓީވީއާއި ވަން އޮންލައިނަށް މައުލޫމާތުދެއްވަމުން ނިހާން ވިދާޅުވީ މި ގައުމުގެ މާދަމާގެ މުސްތަގުބަލަށްޓަކައި ސިޔާސީ މީހުންނަށް ބިރުދެއްކުމަށް ހިންގާ އަމަލުތައް ހުއްޓާލަން ޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ކޮންމެ ސަރުކާރެއް ބަދަލުވުމާ އެކުގައި ފުލުހުންގެ މުއައްސަސާ މެދުވެރިކޮށް ސިޔާސީ މީހުންނަށް އިޖުރާއަތްތަކުން ބޭރުގައި އެކި ކަހަލަ ގޮތްގޮތަށް ބިރު ދެއްކުމަށް މި ހިންގާ އަމަލުތައް މި ގައުމުން ހުއްޓާލަން ޖެހޭ. މި ގައުމުގެ މާދަމާގެ މުސްތަގުބަލަށްޓަކައި މި ގައުމުގެ އިތުބާރު އުފެދިފައި ހުރި މުއައްސަސާތަކުގެ ބޭނުމަށްޓަކައި މި ގައުމުގައި ކުރިއަށްއޮތް ޖީލަށްޓަކައި ހުއްޓާލަން ޖެހޭ ކަމެއް،" އޭނާ ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ ކުރެވޭ ތުހުމަތެއްގައި ސުވާލުކުރުމަކީ ފުލުހުން ކުރަން ޖެހޭނެ ކަމެއް ކަމަށާއި ދިވެހިރާއްޖޭގެ ފަހުރުވެރި ފުލުހުން ކުރާ ކޮންމެ ސުވާލަކަށް ފުރިހަމަ އިހުތިރާމާއި ލޯތްބާއެކުގައި ރަނގަޅު ނިޔަތާއެކު ޖަވާބު ދެމުން ދާނެ ކަމަށެވެ.
ނިހާން ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގާފައިވާ އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް މިނިވަން ކުރުމަށް ގޮވާލައި މިދިޔަ ބުދަ ދުވަހުގެ ރޭ މާލޭގައި ކުރި މުޒާހަރާގެ ތެރެއިން ފުލުހުންގެ ވެހިކަލަކަށް ނިހާން ހުރަސްއަޅާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ވަނީ އާންމުވެފައެވެ.
އެ ވީޑިއޯ އިން ފެންނަނީ ކާނިވާ ސަރަހައްދުގައި ބޭއްވި މުޒާހަރާ ނިންމުމަށްފަހު، މުޒާހަރާގެ ބައިވެރިންނާ އެކު ޕީޕީއެމް އޮފީސް ހުންނަ ސަރަހައްދަށް ދަމުން އެ ތަނުގައި އޮތް ޕޮލިސް ވެހިކަލެއްގެ ފުރޮޅު ދަށަށް ނިހާން ގަލެއް ލައްވާ މަންޒަރެވެ.