ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިންމަނިކު، ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގައިފިއެވެ.
ފުލުސް އޮފީހަށް ހާޒިރުވުމަށް ނިހާނަށް ޗިޓު ފޮނުވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. މިރޭ ފުލުސް އޮފީހަށް ނިހާން ހާޒިރުކޮށްފައިވަނީ ފުލުހުންގެ ރަސްމީ މަސައްކަތަށް ހުރަސްއަޅައި، ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅާފައިވާ ކަމުގެ ތުހުމަތުގައެވެ.
ފުލުސް އޮފީހުން ނުކުމެވަޑައިގެން ރާއްޖެ ޓީވީއާއި ވަން އޮންލައިނަށް މައުލޫމާތުދެއްވަމުން ނިހާން ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް އިން ވެސް ފުލުހުންނަށް އެއްބާރުލުން ދޭނެ ކަމަށެވެ.
ނިހާން ފުލުސް އޮފީހަށް ހާޒިރުކޮށް ބަޔާން ނަގާފައިވާ އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި މިދިޔަ ބުދަ ދުވަހުގެ ރޭ މާލޭގައި ކުރި މުޒާހަރާގެ ތެރެއިން ފުލުހުންގެ ވެހިކަލަކަށް ނިހާން ހުރަސްއަޅާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ވަނީ އާންމުވެފައެވެ.
އެ ވީޑިއޯ އިން ފެންނަނީ ކާނިވާ ސަރަހައްދުގައި ބޭއްވި މުޒާހަރާ ނިންމުމަށްފަހު، މުޒާހަރާގެ ބައިވެރިންނާ އެކު ޕީޕީއެމް އޮފީސް ހުންނަ ސަރަހައްދަށް ދަމުން އެ ތަނުގައި އޮތް ޕޮލިސް ވެހިކަލެއްގެ ފުރޮޅު ދަށަށް ނިހާން ގަލެއް ލައްވާ މަންޒަރެވެ.