ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރިމަތިލާ ކެނޑިޑޭޓުންގެ މާލީ ބަޔާން ހުށަހަޅާނީ އިންތިހާބު ނިމުމުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އިސްމާއީލް ހަބީބް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލީ ބަޔާނަކީ ހުރިހާ ހަރަދެއްކޮށް ނިމި އިންތިހާބު ބާއްވާ ތާރީހުން ފެށިގެން 21 ދުވަހުގެ ތެރޭގައި ހުށަހަޅަން ޖެހޭ އެއްޗެއް ކަމަށެވެ.
މާލީ ބަޔާން ހުށަހަޅާނީ މިވަގުތަކު ނޫން ކަމަށް ހަބީބް ވިދާޅުވިއެވެ.
ހަބީބް މިހެން ވިދާޅުވިއިރު އެމްޑީޕީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ 86 ކެންޑިޑޭޓުންގެ ތެރެއިން 80 ކެންޑިޑޭޓެއްގެ މާލީ ބަޔާން ވަނީ ރޭ އާންމުކޮށްފައެވެ.
އެމްޑީޕީގެ ޓިކެޓުގައި ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރާ 80 ކެންޑިޑޭޓެއްގެ މާލީ ބަޔާން މިހާރު ވަނީ އެ ޕާޓީގެ ވެބްސައިޓުގައި އާންމުކޮށްފައެވެ.
އެމްޑީޕީގެ އިތުރުން އަމިއްލަގޮތުން ކުރިމަތިލި ބައެއް ކެނޑިޑޭޓުންވެސް ވަނީ މާލީ ބަޔާން އާންމުކޮށްފައެވެ.