ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ކޮރަޕްޝަން ފަދަ ކަންކަމާ ގާތްވާނެ ބޭފުޅެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ހަގު ދަރިކަލުން ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
ޣައްސާން މައުމޫން މިހެން ވިދާޅުވީ އަވަސް އޮންލައިންގެ "އަވަސް ހުކުރު" ޕްރޮގްރާމްގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ. ޣައްސާން އަކީ ރައީސް ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
އޭނާ ވިދާޅުވީ އެ ސަރުކާރުގައި މަސައްކަތް ކުރެއްވިއިރުވެސް އުސޫލުން ބޭރުން އެއްވެސް މަޝްރޫއެއް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ރައީސް ޔާމީން ކުރިއަށް ގެންގޮސްފައި ނުވާނެ ކަމަށެވެ.
ރައީސް ޔާމީން ވަނީ ރާއްޖޭގެ އެއްކޮޅުން އަނެއްކޮޅަށް ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ކުރިއަށް ގެންގޮސްފައި ކަމަށާއި އެކަންތައް ރައްޔިތުން ބަލައިގަންނަ ކަމަށް ޣައްސާން ފާހަގަކުރެއްވި އެވެ.
"ރާއްޖޭގެ ނިސްބަތުން ވަރަށް ބޮޑު ތާއީދެއް ރައީސް ޔާމީނަށް އޮތް ކަމަށް އަޅުގަނޑު ގަބޫލުކުރަން، އެހެން އެވަނީ ރައީސް ޔާމީނަކީ ވަރަށް މަސައްކަތްތެރި، ހިދުމަތްތެރި، ވިދާޅުވާ ކަންތައްތައް ނުވަތަ ވެވަޑައިގަންނަވާ ވައުދުތައް ވީ އެންމެ ފުރިހަމައަކަށް ފުރިހަމަކޮށް ދެއްވާ ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދެއްވާފަ ހުންނެވި ވެރިއަކަށް ވާތީ،" އޭނާ ވިދާޅުވިއެވެ.