"ބިރަކާ ނުލައި މަގު ހުރަސް ކުރެވެން ޖެހޭ"ގެ ނަމުގައި މަގުމަތީގެ ރައްކާތެރިކަމާ ގުޅޭގޮތުން ހޭލުންތެރިކުރުމުގެ ހަރަކާތެއް މާލެއާއި ހުޅުމާލޭގައި ކުރިއަށް ގެންގޮސްފިއެވެ.
ބާރު ސްޕީޑުގައި ދުއްވުމުން ކުރިމަތިވާ ނުރައްކާތައް ދައްކުވައިދިނުމަށް ކުރިއަށް ގެންދިޔަ އެ ހަރަކާތުގައި ސިއްހީ ދާއިރާގެ ގިނަ ފަރާތްތަކުން ބައިވެރިވެފައިވެއެވެ.
މޯލްޑިވްސް މެޑިކަލް އެސޯސިއޭޝަން ހެލްތު ޕްރޮމޯޝަންގެ ކޯޑިނޭޓަރު ޑރ. މިނާހް ފާއިޒް، "ވަން އޮންލައިން"އަށް މިއަދު ވިދާޅުވީ އެ ހަރަކާތަކީ ހެލްތު ކެއާ ޕްރޮފެޝަނަލުން އިސް ނަގައިގެން ކުރިއަށް ގެންދިޔަ ހަރަކާތެއް ކަމަށެވެ.
އެގޮތުން ސިއްހީ ދާއިރާގައި ހިމެނޭ ފަރާތްތައް ކަމަށްވާ ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން އެހެން ފަރާތްތަކުންނާއެކު ގާތްގަނޑަކަށް 100 ފަރާތެއް އެ ހަރަކާތުގައި ބައިވެރިވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"މި ގެދަރިންގެ މަގްސަދަކީ ރައްޔިތުންގެ މެދުގައި މަގުމަތީ ގަވާއިދުތަކަށް އިތުރަށް ހޭލުންތެރިކުރުމަށާއި، މިހާރު މި ދިމާވާ އެކްސިޑެންޓުތަކުގެ ހާދިސާތައް ވަރަށް ގިނައިން ދިމާވާ ކަމަށާއި އެކްސިޑެންޓުތަކުގައިވާ ގެއްލުން ވަރަށް ބޮޑު، އެހެންވެ އެކަންތައްތައް އާންމުންނަށް ބޮޑަށް ހޭލުންތެރިކުރުމުގެ ގޮތުން ބާއްވާ އެއްވުމެއް،" މިނާހް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެ ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ މާލެއާއި ހުޅުމާލޭގެ ބައެއް ކަފިހި ހުރަސްތައް ހިމެނޭ ސަރަހައްދު ކައިރީގައި ކަމަށެވެ.