އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ނެރުނު ރިޕޯޓާ ގުޅިގެން އިތުރު ފަސް ކަމެއް ބަލަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.
އޭސީސީއިން ވަނީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައާ ގުޅިގެން ތަހުގީގުކޮށް އެކަމާ ގުޅޭ ބޮޑު ރިޕޯޓެއް އާންމުކޮށްފައެވެ.
އެކަމާ ގުޅޭގޮތުން ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭގައި ވާހަކަފުޅު ދައްކަވަމުން އެ ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ވިދާޅުވީ ހިޔާނާތުގެ މައްސަލައިގައި ތަހުގީގުކުރަމުންދާ ކަންތައްތަކުގެ ތެރޭގައި އެ މައްސަލައިގައި ރާއްޖޭގެ މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަދި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ދައުރު ބެލުން ހިމެނޭ ކަމަށެވެ.
އޭގެއިތުރުން ދައުލަތަށް ލިބޭ ފައިސާ އެސްއޯއެފް ކުންފުނީގެ އެކައުންޓަށް ޖަމާކޮށް އެކި ފަރާތްތަކަށް ދިން މައްސަލަވެސް ތަހުގީގުކުރަމުން ގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މުއައްވިޒް ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅިގެން ތަހުގީގު އަދިވެސް ފުރިހަމަ ނޫން ކަމަށެވެ. އަދި އެކަމާ ގުޅިގެން ހިޔާނާތުގެ ތުހުމަތުގައި ފިޔަވަޅު އެޅުނު މީހެއްވެސް ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.