ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މިލްކިއްޔާތުގައި ލ. ގަމާއި ކ. ތުލުސްދޫގައި ގޯއްޗަކާއި 5.4 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުރި ކަމަށް އެމަނިކުފާނުގެ މާލީ ބަޔާނުން ހާމަވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ 86 ކެންޑިޑޭޓުންގެ ތެރެއިން 80 ކެންޑިޑޭޓުންގެ މާލީ ބަޔާން އެމްޑީޕީން ވަނީ އާންމުކޮށްފައެވެ.
މާލީ ބަޔާން އާންމުކުރެއްވި ކެންޑިޑޭޓުންގެ ތެރޭގައި ކުރިއަށްއޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މައްޗަންގޮޅި މެދު ދާއިރާއަށް ވާދަކުރައްވާ ނަޝީދު ވެސް ހިމެނިވަޑައިގަންނަވައެވެ.
ރައީސް ނަޝީދުގެ މާލީ ބަޔާނުން ދައްކާ ގޮތުގައި އެމަނިކުފާނުގެ އެސްބީއައި އެކައުންޓެއްގައި 5،040،242.24 ރުފިޔާ ހުރި ކަމަށް ދައްކައެވެ. އެ އެކައުންޓަކީ ޖޮއިންޓް އެކައުންޓެއް ކަމަށް ބަޔާންކޮށްފައިވެއެވެ. ރައީސް ނަޝީދުގެ ބީއެމްއެލް އެކައުންޓުގައި 295.85 ރުފިޔާ ހުރި ކަމަށް ދައްކާ އިރު، އެމްއައިބީގެ އެކައުންޓުގައި 19،900.18 ރުފިޔާ ހުރި ކަމަށް ދައްކައެވެ.
އޭގެ އިތުރުން ލަންޑަނުގެ ލޮއިޑްސް ބޭންކު އެކައުންޓެއް ވެސް ރައީސް ނަޝީދު ގެންގުޅުއްވައެވެ. އެ އެކައުންޓުގައި ހުރި ކަމަށް ދައްކަނީ 20،144.91 ޕައުންޑެވެ. އެހެންކަމުން ހުރިހާ އެކައުންޓެއް އެއްކޮށް ރައީސް ނަޝީދުގެ މިލްކިއްޔާތުގައި ޖުމްލަ 5،464،383.4 ރުފިޔާ ހުރި ކަމަށް އެމަނިކުފާނުގެ މާލީ ބަޔާނުން ހާމަވެއެވެ.
ރައީސް ނަޝީދުގެ މާލީ ބަޔާނުގައި ބުނާގޮތުން ލ. ގަމުގައި 4،700 އަކަފޫޓުގެ ބަންޑާރަ ގޯއްޗަކާއި ކ. ތުލުސްދޫގައި 2،000 އަކަފޫޓުގެ ބަންޑާރަ ގޯއްޗެއް އޮވެއެވެ. އޭގެ ތެރެއިން ތުލުސްދޫ ގޯއްޗަކީ ރައީސް ނަޝީދާއި އަހްމަދު ނާޒިމާއި އައިމިނަތު ނާޝިދާ އަދި އިބްރާހިމް ނާޝިދުގެ ގޯއްޗެކެވެ.