ޚަބަރު

ސްޓާލިންކް އިންޓަނެޓްގެ އަގު ބޮޑުކޮށްފި

މުހައްމަދު ޖަމްޝަތް ވަހީދު

އިންޓަނެޓް ސްޕީޑް އަވަސްކުރުމަށް ސްޕޭސް އެކްސް ކުންފުނިން ޖައްވަށް ފޮނުވާފައިވާ ސްޓާލިންކް ސެޓެލައިޓްތައް މެދުވެރިކޮށް ފޯރުކޮށްދޭ އިންޓަނެޓްގެ އަގު ބޮޑުކޮށްފިއެވެ.

އީލޯން މަސްކުގެ ސްޕޭސް އެކްސް އިން ވަނީ ސްޓާލިންކް އިންޓަނެޓް އަގުބޮޑުކޮށްފައިވާ ކަން ކަސްޓަމަރުންނަށް އީމެއިލަކުން އަންގައިފައެވެ. އެ އަގުތަކަށް ބަލާއިރު ސްޓާލިންކުގެ ކިޓެއް އަލަށް ގަންނަ ކަސްޓަމަރުން މިހާރު 710 ޑޮލަރު ދައްކަން ޖެހޭނެއެވެ. ކުރިން ދައްކަން ޖެހެނީ 600 ޑޮލަރެވެ. އަދި ކުރިން ޑިޕޮސިޓް ފައިސާ ދައްކާފައިވާ ކަސްޓަމަރުންވެސް އިތުރު 50 ޑޮލަރު ދައްކަން ޖެހޭ އިރު މަހުން މަހަށް ދައްކަންޖެހޭ ސަބްސްކްރިޕްޝަން ފީގެ ގޮތުގައިވެސް މިހާރު 110 ޑޮލަރު ދައްކަން ޖެހޭނެއެވެ. ސަބްސްކްރިޕްޝަން ފީގެ ގޮތުގައި ކުރިން ދައްކަން ޖެހެނީ 99 ޑޮލަރެވެ.

މި ބަދަލާއެކު ސަބްސްކްރިޕްޝަން ކެންސަލްކުރަން ބޭނުންވާ ފަރާތްތަކުން ސަބްސްކްރިޕްޝަން ކެންސަލްކޮށްފައި ސްޓާލިންކް ކިޓެއް އަހަރު ދުވަހުގެ ތެރޭގައި އެކުންފުންޏަށް އަނބުރާ ފޮނުވުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެ މުއްދަތުގައި ކިޓް އަނބުރާ ފޮނުވައިގެން 200 ޑޮލަރުގެ ރިފަންޑެއް ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް އޮންނާނެ ކަމަށް އެ މެއިލްގައި ބުނެފައިވެއެވެ.

ކުއްލިއަކަށް އަގުތަކަށް ގެނައި ބަދަލުތަކާ ބެހޭގޮތުން ސްޕޭސް އެކްސް އިން ބުނެފައިވަނީ އެ ބަދަލު ގެންނަން ޖެހުނީ އިންފްލޭޝަން އުފުލެމުން އަންނާތީ، ކަމަށާއި ކުރިން ނަގަމުން އައި އަގު ނަގާނަމަ ކުންފުޏްނަށް ގެއްލުންވާނެ ކަމަށެވެ.

2015 ވަނަ އަހަރު ފެށި ސްޓާލިންކް ސެޓްލައިޓް ޕްރޮޖެކްޓަކީ ލޯ ލެޓެންސީ އިންޓަނެޓްގެ ސްޕީޑުގެ އަވަސްކުރަން ކަމަށް ބުނެ ސްޕޭސްއެކްސް އިން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މިއީ ސެޓެލައިޓް ނެޓްވޯކެއްގެ ތެރެއިން ސީދާ އިންޓަނެޓް ފޯރު ކޮށްދޭ ގޮތަށް އުފައްދާފައިވާ ޓެކްނޮލޮޖީއެކެވެ. މިހާތަނަށް ސްޕޭސް އެކްސްއިން 2،100 އަށް ވުރެ ގިނަ ސެޓެލައިޓް ޖައްވަށް ވަނީ ފޮނުވާލައިފައެވެ.