ޚަބަރު

ހުޅުމާލޭގައި ކުޑަކުދިން ބައިތިއްބާ ފިޔަވަތީގައި ގޭސް ލީކުވެގެން އަލިފާނުގެ ހާދިސާއެއް ހިނގައިފި

ހުޅުމާލޭގައި ކުޑަކުދިން ބައިތިއްބާ ފިޔަވަތީ ބަދިގޭގައި ހުރި ގޭސް އުނދުނަކުން ގޭސް ލީކުވެގެން އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެ ސަރަހައްދުގައި ހުރި "ވަން އޮންލައިން"ގެ ނޫސްވެރިޔާ ބުނީ ހުޅުމާލޭގައި ކުޑަކުދިން ބަލަހައްޓާ ފިޔަވަތީގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާ ކަމަށެވެ.

އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ޓީމުގައި ހަރަކާތްތެރިވާ އޮފިސަރަކު މައުލޫމާތުދިން ގޮތުގައި އެ ހާދިސާ ހިނގާފައިވަނީ ގޭސް ލީކުވުމުގެ ސަބަބުންނެވެ.

އެ އަލިފާންގަނޑު ފެތުރުމުގެ ކުރިން އުނދުނުގައި ރޯވި އަލިފާންގަނޑު ވަނީ ނިއްވާލައިފައެވެ. އެ ހާދިސާ ހިނގުމާއެކު އެތަނުގެ ތެރޭގައި ތިބި ހުރިހާ ކުދިން ނެރެފައިވާ އިރު، އެއްވެސް ކުއްޖަކަށް ނުވަތަ މީހަކަށް ވެސް އަނިޔާއެއް ވެފައިނުވާ ކަމަށް މައުލޫމާތު ލިބެއެވެ.

އެ ހާދިސާއާ ގުޅޭގޮތުން ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިބްރާހިމް މުހައްމަދު ވިދާޅުވީ އެތަނަކީ ސަލާމަތީ ކަންކަން ވަރަށް ފުރިހަމަ ތަނެއް ކަމަށާއި ކަންބޮޑުވާން ޖެހޭ ވަރުގެ ހާދިސާއެއް ނުހިނގާ ކަމަށެވެ. އަދި އަވަނެއްގައި ރޯވުމާއެކު ހަމަ އެވަގުތު އަލިފާން ނިއްވާލާފައިވާ ކަމަށާއި އެ ހާދިސާ ހިނގީ ގޭސް ލީކުވެގެންކަން ކަށަވަރުވާނީ ތަހުގީގަށް ފަހު ކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު ހުކުރު ނަމާދުގެ ކުރިން ހިނގި އެ ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފްގެ ރަސްމީ ބަހެއް އަދި ނުލިބެއެވެ.