ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ފުވައްމުލަކު ސިޓީއަށް ވަޑައިގެންނެވުމުން އެސިޓީގެ ރައްޔިތުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.
މިއަދު ހަވީރު ރައީސްގެ ދެކަނބަލުންނަށް ފުވައްމުލަކަށް ވަޑައިގެންނެވުމުން އެއާޕޯޓުން މަރުހަބާ ދެންނެވީ ނައިބު ރައީސް ފައިސަލް ނަސީމާއި ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއީލް ރަފީގެވެ. ނައިބު ރައީސް ފައިސަލް ނަސީމްވެސް ވަނީ ދެ ދުވަހުގެ ދަތުރުފުޅެއްގައި ފުވައްމުލަކު ސިޓީއަށް މިއަދު ވަޑައިގެންފައެވެ. ނައިބު ރައީސްގެ މި ދަތުރުފުޅަކީ ރައީސް ސޯލިހު ފުވައްމުލަކު ސިޓީއަށް މިއަދު ކުރައްވާ ދަތުރުފުޅުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
މިއީ ރައީސް ސޯލިހު ފުވައްމުލަކަށް ކުރައްވާ ދެވަނަ ރަސްމީ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި ރައީސް ސޯލިހަށް މަރުހަބާ ދަންނަވަން އެސިޓީ ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ.
ރައީސް ސޯލިހުއަށް މަރުހަބާ ދަންނަވަން ގިނަ ބަޔަކު އެއާޕޯޓަށް ދިޔައިރު، ރައީސް ބައިވެރިވެވަޑައިގަންނަވާ މާހެފުން އޮންނަ އެރަށު ކުރީގެ ރަސްމީ ބޯޅަ ދަނޑު ސަރަހައްދަށް ވެސް ގިނަ ބަޔަކު ވަނީ ރައީސްއަށް މަރުހަބާ ދަންނަވަން ގޮސްފައެވެ.
މިއީ ރައީސަކަށް އެ ސިޓީން އެންމެ ބޮޑު މަރުހަބާއެއް ކިއީ ދެވަނަ ފަހަރެވެ. ފުވައްމުލަކުން އެންމެ ބޮޑު މަރުހަބާއެއް މިހާތަނަށް ކިޔާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށެވެ. އެއީ 2011 ވަނަ އަހަރެވެ.
ހަތަރު ދުވަހުގެ މިދަތުރުފުޅުގައި ފުވައްމުލަކު ސިޓީގެ އިތުރުން އައްޑޫ ސިޓީއަށްވެސް ރައީސް ވަޑައިގަންނަވާނެއެވެ. އަދި އެ ދެސިޓީގެ ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވާނެއެވެ. އަދި އެ ދެ ސިޓީގައި ކުރިއަށްދާ ތަރައްގީގެ ބައެއް މަޝްރޫއުތައް ބައްލަވާލެއްވުމާއި ބައެއް މުވައްސަސާތަކަށް ޒިޔާރަތްކުރައްވާނެއެވެ.
މީގެ އިތުރުން އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް ރަސްމީކޮށް ރައީސް ހުޅުވައިދެއްވާނެއެވެ.
ރައީސްގެ މި ދަތުރުފުޅުތަކުގެ ބޭނުމަކީ މި ދެ ސިޓީގައި ސަރުކާރުން ކުރިޔަށްގެންދާ މަޝްރޫއުތައް ކުރިޔަށްދާގޮތް ބައްލަވައިލެއްވުމާއި ރައްޔިތުންނާއި ބައްދަލުކުރައްވައި އެމަނިކުފާނު ވައުދުވެ ވަޑައިގަންނަވާފައިވާ ގޮތަށް ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދަވައިގެން ރައްޔިތުންނާ ވީހާވެސް ގާތުން މަސައްކަތްކުރެއްވުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި މި ދަތުރުފުޅުގައި ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
ފުވައްމުލަކަކީ އަބަދުވެސް އެމްޑީޕީގެ ސަޕޯޓަރުން ގިނަ ސިޓީއެކެވެ. އެގޮތުން 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް އެސިޓީގެ ބޮޑު މެޖޯރިޓީއެއް ކުރީގެ ރައީސް، ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވޯޓުދިންއިރު، 2013 ގެ އިންތިހާބުގެ ވެސް މެޖޯރިޓީ ވޯޓު ލިބުނީ ރައީސް ނަޝީދަށެވެ. 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި ފުވައްމުލަކުގެ މެޖޯރިޓީ ލިބިފައިވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށެވެ.