ސިނަމާލެ ބުރިޖުގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައި، ދެ މީހުންނާއި ދެ ކުދިންނަށް އަނިޔާވެއްޖެއެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 6:30 ހާއިރު ބުރިޖުގެ މާލެއާ ދިމާގައި ހުންނަ ޓްރެފިކް ލައިޓް ކައިރިން ދެ ސައިކަލް ޖެހި، ދެ މީހުންނާއި ދެ ކުދިންނަށް އަނިޔާވެފައިވާ ކަމަށެވެ.
އެ ހާދިސާގައި އަނިޔާވެފައިވަނީ 43 އަހަރުގެ ފިރިހެނަކަށާއި 13 އަހަރުގެ ފިރިހެން ކުއްޖަކަށާއި 18 އަހަރުގެ ފިރިހެނެއް އަދި 17 އަހަރުގެ ފިރިހެން ކުއްޖަކަށެވެ. އޭގެ ތެރެއިން 18 އަހަރުގެ މީހާއަށް އޭޑީކޭގައި ފަރުވާދެމުން އަންނަ އިރު، 43 އަހަރުގެ މީހާއާއި ދެ ކުދިންނަށް ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗްގައެވެ.
ފުލުހުން ބުނީ އެކްސިޑެންޓުވި ދެ ސައިކަލަކީ ހުޅުމާލެ އިން ބުރިޖު ހުރަސްކޮށް މާލެ އައި ދެ ސައިކަލު ކަމަށާއި އެއް ސައިކަލުގައި ތިބީ 43 އަހަރުގެ މީހާއާއި 13 އަހަރުގެ ކުއްޖާ ކަމަށެވެ. އަދި 18 އަހަރުގެ މީހާއާއި 17 އަހަރުގެ ކުއްޖާ ތިބި ސައިކަލު ޓޯ ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން މައުލޫމާތު ދޭގޮތުގައި 18 އަހަރުގެ މީހާގެ ކޮލުގެ ކަށިގަނޑެއް ބިންދައިގެން ގޮސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި 43 އަހަރުގެ މީހާގެ ބަނޑުން ހަން މަށައިގެން ގޮސް، ކޮނޑު ހުޅު ނެއްޓިފައިވާ ކަމަށެވެ. އަދި 13 އަހަރުގެ ކުއްޖާއާއި 17 އަހަރުގެ ކުއްޖާއަށް ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.