ހުޅުމާލޭ ގެސްޓް ހައުސްއެއްގެ ރިސެޕްޝަނިސްޓަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލައިފިއެވެ.
ފުލުހުން ބުނީ ރޭ ފަތިހު 4:48 ހާއިރު ހުޅުމާލޭ ބީޗް ގެސްޓް ހައުސް ރިސެޕްޝަނިސްޓަކަށް ހުރި އުމުރުން 18 އަހަރުގެ މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މިހާތަނަށް ބެލި ބެލުމުން އެނގިފައިވާގޮތުގައި އޭނާއަށް ހަމަލާ ދީފައިވަނީ އެތަނަށް އައި ދެ މީހެއްކަން އެނގިފައިވާ ކަމަށާއި ޒަހަމުވި މީހާއަށް ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
މި ދުވަސްވަރު ބިރުދެއްކުމަށްފަހު ފޭރުން އިތުރުކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިމަހުގެ ތެރޭގައި ފޭރުމުގެ ފަސް ހާދިސާއެއް ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ.