ޚަބަރު

ދައުލަތުގެ މުއައްސަސާތަކަށް ދިވެހި ނަން ކަނޑައަޅަނީ

އަހުމަދު ޖައިޝަން

ދައުލަތުގެ ވުޒާރާތަކާއި މުއައްސަސާތަކަށް ދިވެހި ނަން ކަނޑައެޅުމުގެ މަސައްކަތް ދިވެހި އެކެޑެމީން ފަށައިފިއެވެ.

ބައިނަލްއަގުވާމީ މާދަރީ ބަހުގެ ދުވަހުގެ މުނާސަބަތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ދައުލަތުގެ ވުޒާރާތަކާއި އޮފީސްތަކަށް ކިޔާނެ ދިވެހި ބަހުގެ ނަންތަކެއް، ބަހުގެ އެކެޑަމީން މިހާރު ގެންދަވަނީ ތައްޔާރު ކުރައްވަމުން ކަމަށެވެ.

"ދިވެހިބަހުގެ ގާނޫނެއް އޮންނައިރު އެ ގާނޫނު ތަންފީޒުކުރުމަކީ، ދިވެހި ބަސް ކުރިއެރުވުމަށް އެޅިދާނެ ވަރަށް ރަނގަޅު ފިޔަވަޅެއް،"ރައީސް ސޯލިހު ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ ވުޒާރާތަކަށް ދިވެހި ނަންތައް ކަނޑައެޅި ނަމަވެސް މިހާރު ވެސް ބޭނުން ކުރާ އިނގިރޭސި ނަންތަކަށް ބަދަލެއް ނާންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ސަރުކާރު އިދާރާތަކުގެ އިތުރުން ކޯޓުތަކަށް ވެސް ކިޔާނެ ދިވެހި ނަންތަކެއް ކަނޑައެޅުމުގެ މަސައްކަތްވެސް ކުރަމުން ގެންދާ ކަމަށެވެ.