ދިވެހި ބަހުގެ ގައުމީ ސިޔާސަތެއް ކަނޑައަޅަން ޖެހޭކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ބައިނަލްއަގުވާމީ މާދަރީބަހުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ ޒަމާނީ ޓެކްނޮލޮޖީއަށް ދިވެހިބަސް އަހުލުވެރިކުރުވުމަށާއި، އެކަމުގެ ފަންނީ މަސައްކަތްތަކަށް އެހީތެރިވެދޭން ސަރުކާރުން ތައްޔާރު ކަމަށެވެ.
އެގޮތުން ދިވެހިބަހުގެ ދިރާސާތަކަށާއި ބަހުގެ އިލްމު ކުރިއަރުވާން ބޭނުންވާ މައުލޫމާތުތައް، ފަސޭހައިން ލިބިދިނުމަށްޓަކައި، ގައުމީ ބަސްމާފާނެއް ނުވަތަ ލޭންގުއޭޖު ކޯޕަސްއެއް ގާއިމުކުރުމުގެ މަސައްކަތް ދިވެހި ބަހުގެ އެކެޑެމީން މިހާރު ވަނީ ފަށާފައި ކަމަށް ރައީސް ވިދާޅުވިއެވެ.
"ދިވެހި ބަސް ދިރުވައި ދެމެހެއްޓުމަށްޓަކައި، ކުޑަކުދީންނަށް ހާއްސަ، ދިވެހި ކާޓޫނާއި ޑްރާމާ އަދި ތަމްސީލާއި ފިލްމު އުފެއްދުމުގެ މަސައްކަތް، މިހާރަށް ވުރެ ހަރުދަނާ ގޮތެއްގައި ކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ، މިނިސްޓްރީ އޮފް އާޓްސް އިން މިހާރު ވެސް ކުރެވިދާނެ ކަމެއް،" ރައީސް ވިދާޅުވިއެވެ.