ދިވެހި ދައުލަތް އެކި ޒަމާންތަކުން ފިރުކެމުން، މިޒަމާނަށް އައީ، ދިވެހި ބަސް ކޮނޑުއަޅައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ބައިނަލްއަގުވާމީ މާދަރީބަހުގެ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ސޯލިހު ވިދާޅުވީ ތަރައްގީގެ ވިސްނުން އެކަކުގެ ފަރާތުން އަނެކާއަށް ފޯރުވައިދިނުމުގެ މެދުވެރިޔަކީ، އެބަޔަކު މޮށެއުޅޭ ބަސް ކަމަށެވެ.
"ދިވެހި ދައުލަތުގެ މުސްކުޅިކަމާ މެދު އުފެދޭ ފަހުރުވެރިކަމަކީ ދިވެހިބަހާ މެދު ކުރެވޭ އުފާވެރިކަމުގެ އިހްސާސެއް ކަމުގައި ވާން ޖެހޭ،" އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ދިވެހި ބަހަށް އިސްކަން ދިނުމަކީ ކޮންމެ ދިވެއްސެއްގެ ކޮނޑުގައި އެޅިފައިވާ ގައުމީ ވާޖިބެއް ކަމަށެވެ.
އަދި ބަހަކީ ވަރަށް އަގުބޮޑު މާނަވީ ތަރިކައެއްކަމުގައި ސިފަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ އެތަރިކަ ރައްކާތެރިކޮށް ހިމާޔަތްކުރުމަކީ އެއިރެއްގައި އެ ތަނެއްގައި ދިރިއުޅޭ ބައެއްގެ ޒިންމާއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.