ދިވެހި ބަހުގެ ގަދީމީ ހަގީގަތް ހޯދަން ޖެހޭ ކަމަށާއި އެކަންތައް ކުރެވޭނީ ތައުލީމީ މަރުހަލާތަކުގައި ދިވެހި ބަހަށް އިސްކަން ދީ ގަދީމީ ދިވެހި ބަސް ދިރާސާކޮށްގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު މިހެން ވިދާޅުވީ ބައިނަލްއަގުވާމީ މާދަރީ ބަހުގެ ދުވަސް ފާހަގަކުރުމަށް ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ޒަމާނީ ދުނިޔެއަށް ހޭނިފައިވާ ދިވެހިބަހަކަށް ބޭނުންވާ އާ ލަފްޒުތައް ދިވެހި ބަހުން އުފެއްދޭނީ އެގޮތަށް ކަންތައް ކޮށްގެން ކަމަށެވެ.
"އަޅުގަނޑުމެންގެ ދިވެހި ހަޟާރާތުގެ ގަދީމީ އެވޭލާކަމާމެދު ފަހުރުވެރިވާ ފަދައިން ދިވެހި ބަހާމެދުވެސް ފަހުރުވެރިވާން ޖެހޭނެ،" ރައީސް ސޯލިހު ވިދާޅުވިއެވެ.
އެގޮތުން ދިވެހި ބަހަށް އިސްކަން ދިނުމަކީ ކޮންމެ ދިވެއްސެއްގެ ކޮނޑުގައި އެޅިފައިވާ ވާޖިބެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.