މިއަހަރުގެ "ރެހެންދި އެވޯޑް" އަށް ބޭފުޅަކާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އަށް ދީފިއެވެ.
ހުޅުމާލޭ ރެހެންދި ސްކޫލުގައި މިރޭ ބޭއްވި އެވޯޑް ދިނުމުގެ ޖަލްސާގައި ރެހެންދި އެވޯޑު ލިބުނު ބޭފުޅުންނާއި ފަރާތްތަކަށް ބުރޫޗާ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން އަދި ރާއްޖޭގެ ފަސްޓް ލޭޑީ، ފަޒްނާ އަހުމަދެވެ.
ރެހެންދި އެވޯޑް ލިބުނު ފަރާތްތަކަށް އެވޯޑް ހަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.
ރެހެންދި އެވޯޑަކީ ގައުމީ ހިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، މުޖުތަމައު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު ގައުމީ ފެންވަރެއްގައި ވަޒަންކުރުމުގެ ގޮތުން އަދި މުޖުތަމައުގައި އަންހެނުންގެ ހައްގުތައް ރައްކާތެރިކޮށް ކުރިއެރުވުމަށް ވަކި ފަރުދުންނާއި ޖަމިއްޔާތަކާއި ޖަމާއަތްތަކުން ކުރަމުން އަންނަ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ އިތުރުން، ރާއްޖޭގެ ގައުމީ ތަރައްގީއަށާއި އަންހެނުންގެ ކުރިއެރުމަށް އަގުހުރި ހިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކަށް، ޖެންޑާ މިނިސްޓްރީން ކޮންމެ އަހަރަކު ދެމުން އަންނަ ހާއްސަ އެވޯޑެކެވެ.
މި އެވޯޑު ދޭން ފަށާފައިވަނީ 2014 ވަނަ އަހަރުއެވެ. އަދި އޭގެ ފަހުން ކޮންމެ އަހަރަކު އަންހެނުންގެ ދުވަސް ފާހަގަކުރުމަށް ބާއްވާ ރަސްމީ ޖަލްސާގައި މި އެވޯޑު ދެއެވެ. 2020 ވަނަ ސަރުކާރުން ވަނީ މި އެވޯޑަށް ކުރިމަތިލުމަށް ފިރިހެނުންނަށްވެސް ފުރުސަތު ލިބޭ ގޮތަށް ކެޓަގަރީއެއް ހިމަނައިފައެވެ.