ޚަބަރު

ދެމެހެއްޓެނިވި ތަރައްގީގެ އެންމެ މުހިއްމު ދައުރެއް އަދާކުރަނީ ބަހަވީ ސިންދަފާތު: ރައީސް

އަހުމަދު ޖައިޝަން

ގައުމުގެ ދެމެހެއްޓެނިވި ތަރައްގީގައި އެންމެ މުހިއްމު ރޯލެއް އަދާކުރާ އެއްޗަކީ ބަހަވީ ސިންދަފާތު ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ބައިނަލްއަގުވާމީ މާދަރީބަހުގެ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ ބައެއްގެ މާދަރީ ބަހަކީ ހަޟާރަތާއި ތަހުޒީބީ އަރުޟަތައް ފަހުގެ ޖީލުތަކަށް ގެންގޮސްދޭ މައި އުޅަނދު ކަމަށާއި އެބަޔަކާ ގުޅިފައިވާ މާދަރީ ބަހަކީ އަގުބޮޑު ތަރިކައެއް ކަމަށެވެ.

"މާދަރީ ބަހުގެ ދުވަހެއް ފާހަގަކުރުމުގެ މަގުސަދަކީ ގިނަ ބަސްތައް ތައުލީމު އަދި ބަހަވީ ސިންދަފާތު އާންމުކޮށް ފެތުރުމާއި ތަރައްގީކުރުން،" އެމަނިކުފާނު ވިދާޅުވިއެވެ.

އެގޮތަށް ކަންތައް ކުރުމުގެ ބޭނުމަކީ ތަރައްގީގެ މައި ހަކަތަ ކަމަށްވެފައި އެ ހަކަތަ ދަމަހައްޓައިދޭ ކާނާއަކީ ބަޔަކު މޮށެ އުޅޭ މާދަރީ ބަހަށް ވުމުން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.