ޚަބަރު

މެލޭޝިޔާގެ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މައުމޫން މާލެ ވަޑައިގެންފި

އަހުމަދު ޖައިޝަން

1

މެލޭޝިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ މާލެ ވަޑައިގެންފި އެވެ.

މިރޭ މާލެ ވަޑައިގަތުމަށްފަހު ރައީސް މައުމޫން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އެ ދަތުރުފުޅާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވައިފައެވެ.

ރައީސް މައުމޫން މިމަހުގެ 13ގައި މެލޭޝިއާއަށް ވަޑައިގަތީ އެގައުމުގެ ބޮޑުވަޒީރު ޓުން ޑރ. މަހާތިރް ބިން މުހައްމަދުގެ ދައުވަތަކަށެވެ.

އެގޮތުން އެގައުމުގެ ބޮޑުވަޒީރާއެކުގައި ކުރިއަށްދިޔަ ބައްދަލުވުމުގައި ވަނީ ރާއްޖެއާއި އެގައުމުގައި އެއްފަދަ ދަތިތަކެއް ކުރިމަތިވި ކަމަށް ބޮޑުވަޒީރު ފާހަގަކުރައްވާފައި ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

"މެލޭޝިޔާގެ ބޮޑުވަޒީރު ވިދާޅުވަނީ މެލޭޝިޔާ އާއި ރާއްޖެއާ ދިމާވީ ދާދި އެއްކަހަލަ މައްސަލަތަކެކޭ. އެއް ތަޖުރިބާތަކެކޭ ތިމަންނަމެން ދެގައުމު މިކުރީ. އެއީ ސަރުކާރަކުން ބޭއިންސާފުކޮށް ރައްޔިތުންނާ ދޭތެރޭ އަމަލުކޮށް ކޮރަޕްޝަނާއި ފަސާދައާއި ހިޔާނާތް ފަދަ ކަންތައްތައް ކުރެވިގެން ގޮސް ގާނޫނާ ހިލާފަށް އަނިޔާތަކެއް ރައްޔިތުންނަށް ވެގެންނޭ މި ދިޔައީ،" އެމަނިކުފާނު ވިދާޅުވިއެވެ.

އެދަތުރުފުޅުގައި އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ޓުން ޑރ. މަހާތިރް ރާއްޖެ ވަޑައިގެންނެވުމަށް އެދި ދެއްވި ދައުވަތުގެ ސިޓީފުޅެއް ރައީސް މައުމޫން ވަނީ ޓުން ޑރ. މަހާތިރްގެ އަތްޕުޅަށް އަރުއްވާފައި ކަމަށް މައުމޫން ވިދާޅުވިއެވެ.

އަދި އެ ދައުވަތު ވަނީ ބޮޑުވަޒީރު ގަބޫލުކުރައްވާފައި ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް ބޮޑުވަޒީރަށް އެހާ އަވަހަށް ރާއްޖެ ވަޑައިނުގަނެވިދާނެ ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟