ފަސްވަނަ ގްލޯބަލް ބިޒްނަސް ސަމިޓުގައި ބައިވެރިވުމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި ސިޓީތަކުގެ މޭޔަރުން އަދި ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އިންޑިއާއަށް ފުރާވަޑައިގެންފިއެވެ.
އެ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދާއި މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދާއި އައްޑޫ ސިޓީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އާއި ފުވައްމުލަކު ސިޓީގެ މޭޔަރު އަބްދުﷲ ފަލާހް ޝަރީފު އަދި ކުޅުއްދުއްފުށީ ކައުންސިލްގެ ރައީސް އަބްދުއްލަތީފު ހަސަން، އިންޑިއާއަށް ފުރާވަޑައިގެންނެވީ މިރޭގެ ވަގުތެއްގައެވެ.
ފަސްވަނަ ގްލޯބަލް ބިޒްނަސް ސަމިޓަކީ ދުނިޔޭގެ އެކިއެކި ވިޔަފާރިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާ ސަމިޓެކެވެ. އެ ސަމިޓުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއެވެ.
އިންޑިއާއަށް ފުރާވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެ ދަތުރުގައި ސަސްޓެއިނަބަލް ޓޫރިޒަމާ ގުޅޭގޮތުން ރައުންޑް ޓޭބަލްގައި ދިވެހިރާއްޖޭގެ ފަރާތުން ބައިވެރިވާނެ ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަމާޒަކީ ދިވެހިރާއްޖެ ވަކިވަކި މަންޒިލުތަކެއްގެ ގޮތުގައި ޓޫރިޒަމް ތަރައްގީކޮށް އަދި ޓޫރިޒަމް ޕްރޮމޯޓުކޮށް، ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި، އުތުރާއި ދެކުނަށް މި ފަސް އަހަރުގެ ތެރޭގައި ޓޫރިޒަމް ގެންދިއުން. އެހެންވީމާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެކަން ކުރުމުގައި ލާމަރުކަޒީކޮށް އެ ދާއިރާއެއްގެ، އެ ސަރަހައްދެއްގެ ރައްޔިތުން އިންތިހާބުކޮށްފައި ތިބޭ ވެރިންނަށް އެ ފުރުސަތުތައް ލިބުމަކީ ވަރަށް ބޮޑު އަމާޒެއް،" މިނިސްޓަރު ވިދާޅުވިއެވެ.
އަލީ ވަހީދު ވިދާޅުވީ އެ ދަތުރުގައި އިންޑިއާގެ ޓޫރިޒަމާ ބެހޭ ވަޒީރާ ބައްދަލުވެގެންދާނެ ކަމަށާއި އެ ބައްދަލުވުމުގައި ވެސް ސިޓީތަކުގެ މޭޔަރުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ. އަދި އޭގެ ބޭނުމަކީ ސަރަހައްދުތައް ތަރައްގީކުރުމުގައި ސިޓީތަކަށް އެ ބާރުވެރިކަން ލިބި، އެބޭފުޅުންގެ ހިޔާލާއި އަދި އެބޭފުޅުންގެ ވިސްނުމާއި ވިޝަންއާ އެއްކޮށް މިކަންކަން ތަރައްގީވެގެންދިއުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
އެ ސަމިޓަކީ މުހިންމު ސަމިޓަކަށް ވެގެންދާނެ ކަމަށް ތިން ސިޓީގެ މޭޔަރުންނާއި ކުޅުދުއްފުށި ކައުންސިލްގެ ރައީސް ވެސް ފާހަގަކުރެއްވިއެވެ.