ސްކޫލު އަދި ހޮސްޕިޓަލް ފަދަ ހިދުމަތްތައް ފޯރުކޮށްދޭ ތަންތަނަށް ގަދަބާރުން ވަދެ، ހަމަނުޖެހުން ހިންގުމަކީ ސިޔާސީ ހަރަކާތް ހިންގުން ނޫން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުއްލި ގޮތަކަށް އިއްޔެ އައިޖީއެމްއެޗްއަށް ފަރުވާ ދިނުމަށް ގެންދިއުމާ ގުޅިގެން ހޮސްޕިޓަލުގެ ތެރެއަށް އެމަނިކުފާނުގެ ސަޕޯޓަރުން ވަނީ އެއްވެފައެވެ.
މިނިސްޓަރު އިމްރާން މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ ހޮސްޕިޓަލު ފަދަ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަމަކީ އެންމެ އިސްކަން ދޭނެ ކަންކަން ކަމަށެވެ.
"އަމަލުކުރަން އޮންނަ އުސޫލުން ބޭރުން ކަމެއް ހިނގާފައިވާނަމަ އެކަމެއް ހައްލު ކުރާނަން،" މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.
އިއްޔެ އައިޖީއެމްއެޗަށް ސަޕޯޓަރުން އެއްވެފައިވާއިރު އެތަނުގައި މައްސަލަ ހޫނުވެ ފުލުހުން ވަނީ ޕެޕާ ސްޕްރޭ ބޭނުންކޮށްފައެވެ.
އައިޖީއެމްއެޗްގެ ތެރެއަށް ފުލުހުން ޕެޕާ ސްޕްރޭ ޖަހާފައިވަނީ ހާލަތަށް އެކަށީގެންވާ މިންވަރަށް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެހެންނަމަވެސް އެކަމާ ގުޅިގެން މިއަދު ރައީސް ޔާމީން ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނީ ފުލުހުން ދައްކާފައިވަނީ ދޮގު ވާހަކައެއް ކަމަށެވެ.