ކުރިއަށް މިއޮތީ ބަދިގޭގައި ބޭނުން ކުރަންޖެހޭ ތަކެއްޗާއި ކުރަންޖެހޭ މަސައްކަތްތައް ތަންކޮޅެއް ގިނަވެފައި އާދައިގެ ދުވަސްތަކަށްވުރެ ބަދިގެ ހާއްސަވާ ތިރީހަކަށް ދުވަހެވެ. ނުވަތަ ތެއްތިރީހަކަށް ދުވަހެވެ.
ރޯދަމަހާއި ރޯދައިގެ ފަހަތުން އަންނަ އީދަކީ ދިވެހިންވެސް ބަދިގޭގެ ބޭނުން ވަރަށް ބޮޑަށް ހިފަން ޖެހޭ ދުވަސްތަކެކެވެ. ސަބަބަކީ ކެއުމުގެ ކަންތަކާ ދިވެހިންގެ އެހެނިހެން ކަންތަކާ އޮންނަ ގުޅުމެއްގެ ސަބަބުންނެވެ. މިސާލަކަށް ބަލާނަމަ ވަރަށް ގިނަ އާއިލާތައް އެންމެން އެއް ވަގުތެއްގައި ބައްދަލުވެ މަޝްވަރާ ކުރާ ވަގުތަކަށް ވެފައި އޮންނަނީ ރޭގަނޑުގެ ކެއުމުގެ ވަގުތެވެ. ހަމަމިގޮތަށް ރޯދަމަހު ސުފުރާމަތިން އާއިލާގެ އެންމެންނާ އެއްވަގުތެއްގައި ބައްދަލުވެލުމުގެ ފުރުސަތުވެސް ލިބެއެވެ.
ރޯދަމަހުގެ ސުފުރާ މާބޮޑަށް ހާއްސަވާ ސަބަބުތަކެއްވެސް އެބަހުއްޓެވެ. އެހެނިހެން ދުވަސްތަކާ ހިލާފަށް ރޯދަމަހުގެ ދުވަސްތަކުގައި ސުފުރާމަތިން އާއިލާގެ ބައްދަލު ނުވާތާ ގިނަދުވަސްވެފައި ތިބޭ މެންބަރުންނާ ބައްދަލުވެއެވެ. ގާތް އެކުވެރިން އަދި ރައްޓެހިންނާވެސް ބައްދަލުވެލުން އާންމު ވަގުތަކަށް ރޯދަމަހުގެ ކެއުމުގެ ވަގުތުތައް ވެފައިވެއެވެ. ރޯދަވީއްލުން، ތަރާވީސްދަމުގެ ދައުވަތުތައް ގިނައިން ބަދަލު ކުރެވުމަކީ މިގުޅުންތައް ބަދަހިވެގެން ދާކަމުގެ ހެއްކެކެވެ.
އެހެންވީމާ ބަދިގޭގެ ބައެއްކަހަލަ ކަންތައްތަކަށް ފަސޭހަވާނެ ގޮތަކަށް ކަންކަން ހުރުމުން އިތުރު ލުއިކަމެއްވެސް ލިބޭނެއެވެ. ރޯދަމަހު ބަދިގޭގައި ބޭނުން ކުރާ ތަށިތެލި ސަމުސާފަދަ ތަކެއްޗާއި ކާން ބޭނުންކުރާ އެއްޗެހި ގެންގުޅުމުގައި ފަސޭހަ، ރައްކާތެރި އަދި ރީތި ގޮތްތަކެއް އެނގުމަކީ ބޭނުންތެރިކަމެކެވެ. އަދި ކައްކަން ބޭނުން ކުރާ ސާމާނާއި ބެހޭ ގޮތުންނާއި ބަދިގޭގެ ކަންތައްތަކަށް ލުއި އެހީތައް ލިބޭނެ އެހެން ގޮތްގޮތްވެސް އެނގުމަކީ މައުލޫމާތުގެ ހަޒާނާ މުއްސަނދިވުމުގެ އިތުރަށް އަމިއްލަ ބަދިގެ ރެސްޓޯރެންޓެއްގެ ގޮތުގައި ގެންގުޅެލެވޭނެ ފަދަ އެހީއަކަށްވެސް ވެދާނެއެވެ.
ނޫސްކަރުދާހުގެ އެހީގައި ޕްލާސްޓިކް އަދި ރަބަރު ތަށިތަކުގައި ވަސްނުހިފާ ގޮތް ހެދިދާނެއެވެ. ތަޖުރިބާކޮށްލަމާ ހިނގާށެވެ. ޕްލާސްޓިކް ތަށްޓަކީ އާންމުކޮށް ތަރުކާރީ މޭވާ އަދިވެސް އެހެނިހެން ތަކެތި ބަންދު ތަށްޓެއްގައި ބެހެއްޓުމަށް ބޭނުންކުރާ ތަށިތަކެވެ. އެހެންނަމަވެސް ރަބަރު އަދި ޕްލާސްޓިކުގައި ވަރަށް ފަސޭހައިން ވަސް ހިފާ ގޮތްވާނެއެވެ. މިސާލަކަށް ފިޔާ އަޅާފައި ނުވަތަ ލޮނުމެދު އަޅާފައި ހުންނަ ތަށްޓަކުން ވަސް ފިލުވުމަކީ ވަރަށް ދަތި އަދި ގިނަ ވަގުތުތަކެއް ހޭދަވާ ކަމެކެވެ. އެހެންނަމަވެސް މިކަމަށް ވަރަށް ފަސޭހަ އަދި ޔަގީން ހައްލެއް އެބައޮތެވެ.
ނޫސްކަރުދާސް އެބަހުރި ހެއްޔެވެ؟ ނޫސްކަރުދާހުގައި ލުމަށްފަހު ތަށިތަކަށް އެއްޗެހި އަޅާށެވެ. ރޭގަނޑު ތަށިތަކުގައި ބެހެއްޓުމަށްފަހު ދުވާލު ބޭނުން ކުރަން ނެގުމުން ކުރީގައި ތަށިތަކުން ދުވާތީ ކަންބޮޑުވި ވަހެއް ނުހުންނާނެއެވެ. އެހެންނަމަވެސް މިތަކެތި ބޭނުންކުރުމުގެ ކުރިން ދޮންނަން ހަނދާން ނައްތައިނުލާށެވެ. ތަށީގައި މަތިޖަހާފައި ހުއްޓަސް ކަރުދާހުގައި ލާފައި ހުރުމުން ދޮވެލުން މުހިންމުވާނެއެވެ.
ފުޅިތައް، ދިގު ބިއްލޫރިތަށި ފަދަ އަތްތިލަ އެތެރެއަށް ވަނުމަށް ދަތި އެއްޗެހި ދޮންނަން އުފުލަން ޖެހޭ ތަކުލީފަށް ހައްލެއް އޮތްތޯ ބަލައިލަމާ ހެއްޔެވެ. އުލެއް ނަގާށެވެ. ތަށިދޮންނަ ސްޕޮންޖު ދިގަށް ނަގާފައި، މާނައަކީ ކޮޅަށް ބަހައްޓާފައި އެއަށް އޫހަރައިލުމުން އެއޮތީ ފުޅިއަށް ސްޕަންޖު ލާފައި ދޮވެވޭނެ ގޮތް ހަމަޖެހިފައެވެ. މިގޮތަށް ކަރުދިގު، އަތް ނުވަންނަ ތަކެތި ދޮވުމަށް ބުރުހެއް ގަތުމުގެ ބަދަލުގައި ބަދިގެއިން ލިބެން ހުރި ތަކެތީގެ އެހީގައި މިކަން ކުރެވިދާނެއެވެ.
ކައްކަން އުދާފައި ހުންނަ ތަކެތި ކެކިގެން ބޮކިޖަހާފައި ތެލިން ބޭރަށް ފައިބައިގެންފާނެތީ ކަންބޮޑުވޭހެއްޔެވެ؟ އުނދުން ކައިރީ ފާރަޔަށް ތިބެން ޖެހޭތީ އެކަމަށް ހައްލެއް ހޯދުމަށް ބައެއް ފަހަރު ފެން މަދުކޮށްފައި އިރުއިރުކޮޅުން ފޮނުގަނޑު މައްޗަށް ފެން ވިއްސާލާ މީހުންވެސް އުޅެއެވެ. އެތައް ކަމެއް ބަދިގެ ތެރޭގައި ކުރަމުން ދާއިރު އުނދުން މަތީގައި ހުންނަ ތެލި، މަތިން ފައިބައިގަންނާނެ ކަމަށް ފާރަޔަށް ހުންނަން ޖެހުމަކީ ވަރަށް ވަގުތު ގެއްލޭ ކަމަކަށްވެސް ވެއެވެ. އާ ތަޖުރިބާއެއް ކޮށްލަމާހެއްޔެވެ؟ އަވަހަށް ވަކަރުން ތައްޔާރުކޮށްފައި އޮތް އުނދުޅިއެއް ހޯދާށެވެ. އަދި ތެލި މަތީގައި ހުރަހަށް ބާއްވާށެވެ. ކެކެން ފަށާއިރު ޖަހައިގަންނަ ބޮކި މަތަކޮށް އިތުރަށް ކެކޭނެ ފުރުސަތެއް މިއުނދުޅި ދޭނެއެވެ. މީގައިވާ ޖާދޫގެ ސިއްރާ ހަމައަށް ނުދެވުނަސް މިއީ ކެކޭއިރު ފާރައަށް ހުރުމަށާއި ބޮކިޖަހާފައި ފޮނުގަނޑު ފައިބައިގެންދިއުމަށް އެޅޭ ހުރަހެއް ނުވަތަ ހައްލެއްކެވެ.
މިކްސްޗަރުގެ ދަތި އޮތީ ކޮށިވެފައި ހެއްޔެވެ؟ ބޭކާރުވެގެން އުކާލަންވެފައި ހުރި ބިސްތޮށިތައް ގެނެސް މިކްސްޗަރަށް އަޅާށެވެ. ދަތިވަށައިގެން ދެފަހަރަކު އެނބުރޭނެހެން ޖައްސާލާށެވެ. ދަތީގެ ކޮށިކަން ކެނޑި ތޫނު ވާނެއެވެ. ހަމަ މިގޮތަށް ބޭނުން ކުރާ އެހެން ދަތިތައްވެސް ތަށްޓަކަށް ބިސްތޮށި އަޅާފައި ދަތިން ބިސްތޮށި ކުދިކުދި ކުރުމުން ދަތި ތޫނުވެދާނެއެވެ.
މަސްފިހުމަށްފަހު، ނުވަތަ މަހުގެ ބާވަތެއް އަވަނުގައި ތައްޔާރު ކުރުމަށްފަހު އަވަނުން މަސްވަސް ނުފިލާތީ އެކަމުގެ ޝަކުވާ ކުރެވެއެވެ. ދޮވެދޮވެ، ސާފުކޮށްކޮށް ވާޅުވާއިރުވެސް ވަހެއް ނުފިލައެވެ. އެކަމަކު އަނގަޔަށް ކިހާ މީރުހެއްޔެވެ؟ ކިތަންމެ މީރު ރަހައެއް ހުއްޓަސް އަވަނުން ވަސް ފިލުވަން ކުރަން ޖެހޭ މަސައްކަތް ބުރަވެފައި ވަގުތު ހޭދަކުރަން ޖެހެއެވެ. މިކަމަށްވެސް ހައްލެއް ހޯދަން ހިނގާށެވެ! ބަދިގޭތުވާލިކޮޅެއްގައި އަތްދޮންނަ ސައިބޯނިފުޅިން އެތިކޮޅެއް ލުމަށްފަހު މައިކްރޯވޭވް އަވަނަށް ލާފައި ހޫނުކޮށްލާށެވެ. އަދި އެތުވާލިކޮޅުން އަވަނުގެ އެތެރެއާއި ބޭރު ފޮހެ ސާފުކޮށްލާށެވެ. މިހާރު ބަދިގެ ވިޔަސް ކާގެވިޔަސް ނުވަތަ ސިޓިންރޫމު، އެތެރެގޭތެރެ ވިޔަސް ބޮޑުކޮޓަރިފަދަ ކޮންމެ ތަނެއްވިޔަސް މަހުގެ ވަހެއް ނުހުންނާނެކަން ޔަގީނެވެ.
ބާރުކޮށް މަތިޖެހުމުން އެއްޗެހި ރައްކާތެރިކަމާއެކު ހުންނާނެއެވެ. އެކަމަކު މަތި ހުޅުވަން ޖެހުމުން ބައެއް ފަހަރަށް އެދިމާވާ ދަތިކަމެއްދޯއެވެ. ހާސް ނުވެ މިހެން ހަދާށެވެ. އަވަހަށް ހޫނު ފެން އެއްޗަކުން، ފުޅީގެ މަތީގެ މައްޗަށް، މަތިގަނޑުގެ ވަށައިގެން ފެންޖެހޭގޮތަށް ފެން އަޅާށެވެ. ދެން ފޮތިގަނޑަކުން މަތި އަނބުރާލާށެވެ. އެ ހުޅުވުނީ ނޫންހެއްޔެވެ؟
ތަށްޓަކަށް ނޫނީ އެހެންވެސް އެއްޗަކަށް މާމުއި ކަހަލަ ތަތް އެއްޗެއް ސަމުސަލަކުން ނޫނީ އުނދުޅިއަކުން އަޅާއިރު ދަތިކަމެއް ހުރޭދޯއެވެ. ދެން ފަހަރަކުން، ސަމުސާ ނުވަތަ އުނދުޅި ވިޔަސް އެ ބޭނުން ކުރާ އެއްޗެއްގައި ފުރަތަމަ ޒައިތޫނިތެޔޮ ނޫނީ ތަރުކާރީތެޔޮ ވިޔަސް، ކޮންމެވެސް ކަހަލަ ކައްކާ ތެޔޮފޮދެއް ހާކާށެވެ. އެއަށްފަހު ހަމަޖެހިލައިގެން އެއިން ތަތް އެއްޗެހި ތަތް ލުމަކާނުލައި ތަށިތަށްޓަށް އެޅޭނެއެވެ.
މިފަދަ ބޭނުންތެރި ކިތަންމެ މައުލޫމާތުތަކެއް ހުންނާނެއެވެ. ވަގުތުކޮޅެއް ހުސްކޮށްލައިގެން މިފަދަ ކުދި އެހެނަސް މުހިންމު މައުލޫމާތުތައް ދެނެގަތުމަކީ ފައިދާ ކުރުވަނިވި ކަމެކެވެ. ހަމަ އެހެންމެ އޭގެ ބޭނުން ހިފޭނެ ވަގުތުތަކުގައި އެނގިފައި ހުރި ކަމުގެ އުފާވެރިކަން އިހުސާސް ކުރެވޭނެ ކަހަލަ މައުލޫމާތު ތަކަކަށްވެސް ވާނެއެވެ. އަބަދުވެސް ވިސްނަން ވާނެއެވެ. އެއްވެސް މައުލޫމާތެއް ބޭކާރެއް ނުވާނެއެވެ. އެއްޗެއް އެނގުމަކުން ވާނެ ގެއްލުމެއް ނޯންނާނެއެވެ.