ޚަބަރު

އެކްޓިން ސީޕީ އާއި ޕީޖީ، މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރަން އެދިއްޖެ

އަހުމަދު ޖައިޝަން

އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދާއި ޕްރޮސެކިއުޓާ ޖެނެރަލް އައިޝަތު ބިޝާމް، ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ހާޒިރުކުރެއްވުމަށް އެދި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މަޖިލީހަށް ހުށަހަޅައިފި އެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޕީޕީއެމްގެ ސްޕޯކްސްޕާސަން އަލީ އާރިފް ވިދާޅުވީ އެ ދެ ފަރާތާ ސުވާލުކުރެއްވުމަށް އެދި ހާޒިރު ކުރެއްވުމަށް މަޖިލީހަށް ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ 123 ވަނަ މާއްދާގެ ދަށުން ކަމަށެވެ.

"ދިވެހިރާއްޖޭގެ ރައީސްކަން ކުރައްވާފައިވާ ރައީސް ޔާމީނާ މެދު އިންސާފުން އެއްކިބާވެ، ފުލުހުންގެ އިދާރާއިން ތަހުގީގުކޮށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓުގައި ދައުވާ ކުރަން ފޮނުވާފައިވާ މައްސަލައަކީ ގާނޫނު އަސާސީގައިވާ ހައްގުތައް ކަށަވަރު ކޮށްދިނުން 17 ވަނަ މާއްދާ ތަފާތު ނުކުރުން، 19 ވަނަ މާއްދާގައި މަނާ ކުރެވިފައިނުވާ ކަންކަން ކުރުމުގެ މިނިވަންކަން، 20 ވަނަ މާއްދާ ހަމަހަމަ ކަން، 33 ވަނަ މާއްދާ ނަމާއި އަބުރު ރައްކާތެރި ކުރުން، 40 ވަނަ މާއްދާ މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ހައްގު، 45 ވަނަ މާއްދާ ގާނޫނާ ހިލާފަށް ހައްޔަރު ނުކުރުމާއި ބަންދު ނުކުރުން، 55 ވަނަ މާއްދާ މަދަނީ މައްސަލަތަކުގައި ބަންދު ނުކުރުމާ ހިލާފުވާ މައްސަލައެއް،" އެ މައްސަލައާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އާރިފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ މައްސަލައާ ގުޅިގެން އެކްޓިން ސީޕީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކުރެއްވުމަށް އެދި ސިޓީ ފޮނުވާފައިވާ ކަމަށެވެ.

އަދި އެ މައްސަލައިގައި ޕީޖީ، މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކުރެއްވުމަށް އެދިފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.