އިބްރާހިމް ޒަކީ
ޕަބްލިކް ސާވިސް މީޑިއާ ލިމިޓެޑް (ޕީއެސްއެމް) އިން ހުޅުމާލެ ފްލެޓް 02-2-111 ޔާސިރާ ޔޫސުފް އަށް ދިނުމަށް ސިވިލްކޯޓުން ހުކުމް ކުރި 3.34 މިލިޔަން ރުފިޔާ އެއްވެސް ފަރާތަކަށް ދޫ ނުކުރުމަށް ހައިކޯޓުން އަމުރު ކޮށްފިއެވެ.
މި މައްސަލައަކީ ޔާސިރާ ޔޫސުފްގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ އަމިއްލަ ވިޔަފާރިއެއް ކަމަށްވާ "ޖޭއެމްޖޭ އިންވެސްޓްމަންޓް" އާ 20 ޖޫން 2018 އިން 30 ސެޕްޓެމްބަރު 2018 ގެ ނިޔަލަށް ޕަބްލިކް ސާވިސް މީޑިއާ ލިމިޓެޑުން ހަވާލު ކުރި މަސައްކަތްތަކުގެ ތެރެއިން ކޮށް ނިންމާފައިވާ މަސައްކަތްތަކަށް އެފަރާތަށް ލިބެން ޖެހޭ ފައިސާގެ ތެރެއިން ނުލިބިއޮތް 3.34 މިލިޔަން ރުފިޔާ ހޯދުމަށް ޔާސިރާގެ ފަރާތުން ސިވިލްކޯޓަށް ހުށަހަޅައިގެން ކުރިއަށްގެންދިޔަ މައްސަލައެކެވެ.
މި މައްސަލަ ސިވިލްކޯޓުން ބެލުމަށްފަހު އެ ފައިސާއަކީ ޕީއެސްއެމުން ޔާސިރާއަށް ދޭން ޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި، އެފައިސާ ޔާސިރާއަށް ލިބިދިނުމުގެ ގޮތުން 31 އޮކްޓޫބަރު 2021 އިން ފެށިގެން ކޮންމެ މަހަކު އެ މަހަކަށް ޖެހޭވަރު ސިވިލްކޯޓަށް ދައްކަމުންގޮސް ހަތަރު މަސްދުވަހުގެ ތެރޭގައި އެ ދަރަނި ހަލާސް ކުރުމަށް ހަމަ އެދުވަހު ޕީއެސްއެމުގެ މައްޗަށް ސިވިލްކޯޓުން ވަނީ ހުކުމްކޮށްފައެވެ.
ނަމަވެސް މި މައްސަލަ ޕީއެސްއެމްގެ ފަރާތުން ވަނީ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައެވެ. ހަމަ އެއާއެކު އެ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރަކަށްވެސް ޕީއެސްއެމުން ވަނީ ހައުކޯޓުގައި އެދިފައެވެ.
މި މައްސަލައިގައި ހައިކޯޓުން އިއްޔެ ކުރި އަމުރުގައި ވަނީ، ޕީއެސްއެމުން ޔާސިރާއަށް ދައްކަންޖެހޭ ކަމަށް ސިވިލްކޯޓުން ކަނޑައަޅާފައިވާ ފައިސާ އެ ހުކުމާ އެއްގޮތަށް ސިވިލްކޯޓަށް ދައްކަމުންދިޔަ ނަމަވެސް، އެ ފައިސާއާމެދު ވަކި ގޮތަކަށް އަމަލު ކުރުމަށް ހައިކޯޓުން އަންގަންދެން އެއްވެސް ފަރާތަކަށް ދޫނުކޮށް ސިވިލްކޯޓުގައި ބެހެއްޓުމަށް އަމުރު ކުރާ ކަމަށެވެ.