ޚަބަރު

މޭރީގެ މަރު: މާވިންއަށް ދައުވާ ސާފު ނުވާތީ ތަރުޖަމާނު ބަދަލުކުރުމަށްފަހު އަޑުއެހުން ބާއްވަން ނިންމައިފި

އައިޖީއެމްއެޗުގައި މަސައްކަތްކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލައިގައި އޭނާގެ ފިރިމީހާ، މާވިންގެ މައްޗަށް އުފުލާފައިވާ ދައުވާ އޭނާއަށް ރަނގަޅަށް ތަރުޖަމާ ކޮށްނުދެވޭތީ، ތަރުޖަމާކޮށްދޭމީހާ ބަދަލުކޮށް އޭނާގެ މައްޗަށް މައްސަލަ ހުށަހެޅުން އެހެން ދުހަކަށް ތާވަލް ކުރަން މިއަދު ނިންމައިފިއެވެ.

މޭރީގެ މަރުގެ މައްސަލައިގައި އޭނާގެ ފިރިމީހާ މާވިންގެ އިތުރުން، މާވިންގެ ދިވެހި ލޯބިވެރިޔާ ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާނު ވެސް ވަނީ ހައްޔަރުކޮށް ދައުވާ އުފުލައިފައެވެ.

މި މައްސަލައިގައި މާވިންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ އެނގި ހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. އޭނާގެ ލޯބިވެރިޔާ ލަމްހާގެ މައްޗަށް ތިން ދައުވާއެއް ކޮށްފައިވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ.

އެ ދެމީހުންގެ މައްޗަށް ކޮށްފައިވާ ދައުވާތައް ކުރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނީ ވަކިވަކިންނެވެ. އެގޮތުން މިއަދު އޮތީ މާވިންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެކެވެ. މިއަދުގެ އަޑުއެހުމުގައި އޮތީ، ދައުލަތުން މާވިންގެ މައްޗަށް އުފުލާފައިވާ ދައުވާ ހުށައެޅުމާއި، ދިފާއުން އެއަށް ޖަވާބު ދިނުމެވެ.

ދައުލަތުން ދައުވާ ހުށަހެެޅުމުން މާވިންގެ ދިފާއުން އެދުނީ ދައުވާއާބެހޭ ހުރިހާ ލިޔެކިޔުންތަކެއް ލިބުމުން އެއަށް ޖަވާބުދާރީ ވުމުގެ ފުރުސަތެއް ދެއްވުމަށެވެ.

އެކަމަށް އިއުތިރާޒުކޮށް ދައުލަތުން ބުނީ، މި މައްސަލައިގައި ހިމެނޭ ހެކިތަކުގެ ތެރެއިން ޝަރީއަތަށް ހުށަހެޅިފައި ނުވާ ހެއްކަކީ މޭރީގެ ދަރިފުޅުގެ ސައިކޮލޮޖިކަލް އެސެސްމަންޓް ރިޕޯޓު އެކަނި ކަމަށެވެ. ނަމަވެސް މިއީ މައްސަލައިގެ އިބްތިދާއީ މަރުހަލާކަމުން ހުރިހާ ލިޔުމެއް ނުލިބުނު ނަމަވެސް ދައުވާއަށް ޖަވާބުދާރީވުމަށް ހުރަހެއް އޮންނާނެ ކަމަށް ގަބޫލު ނުކުރާ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

މައްސަަލަ ރައްދުވާ މާވިންއަށް ދިވެހިބަސް ރަނގަޅަށް ނޭނގޭތީ މިއަަދުގެ އަޑުއެހުން ކުރިއަށް ގެންދިއައީ، އޭނާއަށް ތަރުޖަމާ ކޮށްދިނުމަށް ތަރުޖަމާނެއްގެ އެހީގައެވެ.

ދައުލަތުން މާވިންގެ މައްޗަށް އުފުލި ދައުވާ އިނގިރޭސިބަހުން، އޭނާއަށް ކިޔައިދިނުމުން ދައުވާ ސާފުވެއްޖެ ކަމަށް ބުންޏެވެ. ނަމަވެސް ދިވާއީ ވަކީލު އެކަމާމެދު ސުވާލު އުފައްދައި އޭނާއަށް ސާފުވެއްޖެތޯ ކަށަވަރު ކުރުމަަށް އެދުނެވެ.

އެހެންކަމުން އޭނާއަށް ސާފުވި އެއްޗެއް ޝަރީއަތުގެ މަޖިލީހަށް ކިޔައިދިނުމަށް މާވިންގެ ކިބައިން އެދުނެވެ. ނަމަވެސް އޭނާއަށް ސާފުވި ގޮތް ކިޔައިދިނުމުން، ދައުވާ ރަނގަޅަށް ތަރުޖަމާ ކޮށްދެވިފައި ނުވާ ކަމަށް ދައުލަތުން ވެސް ގަބޫލު ކުރިއެވެ.

އެހެންކަމުން މާވިންއަށް އެހެން ތަރުޖަމާނެއް ހޯދައިދިނުމަށް ދައުލަތާއި ދިފާއުންވެސް އެދުނެވެ. އެކަމާގުޅިގެން، މިއަދުގެ އަޑުއެހުން ނިންމައިލީ އަލުން ދައުވާ ހުށަހެޅުން އެހެން ދުވަހަކަށް ފަސްކޮށްފައެވެ.