ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިންމަނިކު ފުލުހުންގެ އިދާރާއަށް ހާޒިރުކުރުމަށް ޗިޓް ފޮނުވައިފިއެވެ.
ފުލުހުންގެ ރަސްމީ މަސައްކަތަށް ހުރަސްއަޅައި، ފުލުހުންގެ ވާޖިބު އަދާކުރުމަށް ހުރަސްއަޅާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި މާދަމާ ރޭ 8:30ގައި ފުލުސް އޮފީހަށް ހާޒިރުވުމަށް ވަނީ އަންގައިފައެވެ.
ނިހާން ފުލުސް އޮފީހަށް ހާޒިރުވުމަށް ޗިޓް ފޮނުވާފައިވާ އިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި ރޭ މާލޭގައި ކުރި މުޒާހަރާގެ ތެރެއިން ފުލުހުންގެ ވެހިކަލަކަށް ނިހާން ހުރަސްއަޅާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ވަނީ އާންމުވެފައެވެ.
އެ ވީޑިއޯ އިން ފެންނަނީ ކާނިވާ ސަރަހައްދުގައި ބޭއްވި މުޒާހަރާ ނިންމުމަށްފަހު، މުޒާހަރާގެ ބައިވެރިންނާ އެކު ޕީޕީއެމް އޮފީސް ހުންނަ ސަރަހައްދަށް ދަމުން އެ ތަނުގައި އޮތް ޕޮލިސް ވެހިކަލެއްގެ ފުރޮޅު ދަށަށް ނިހާން ގަލެއް ލައްވާ މަންޒަރެވެ.