ހިލޭ ހެލްމެޓް ބަހަނީ ހަމައެކަނި މާލެއަކު ނޫން ކަމަށާއި 30 ކިލޯ މީޓަރަށްވުރެ ބާރަށް ދުއްވުމަށް ހުއްދަ ދީފައިވާ ހުރިހާ ސަރަހައްދުތަކުގައި ހެލްމެޓް ބެހުމަށް މިނިސްޓްރީން ނިންމާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޕްލޭނިންގް ޑިޕާޓްމަންޓްގެ ހެޑް މުހައްމަދު ރަފީއު ވިދާޅުވެއްޖެއެވެ.
ރަފީއު މިހެން ވިިދާޅުވެފައިވަނީ މިއަދު މެންދުރު ޓްރާންސްޕޯޓް އޮތޯރިޓީން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލު ވުމެއްގައި ވާހަކަދައްކަވަމުންނެވެ. އެ ގޮތުން ރަފީއު ވަނީ ސަރުކާރުން ހިލޭ ދިނުމަށް ވައުދުވެފައިވާ ފަސްހާސް ހެލްމެޓުގެ ތެރެއިން ތިންހާސް ފަސްސަތޭކަ ހެލްމެޓު ޔުނިސެފްއިން ހަދިޔާކޮށްފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ބާކީ ހުރި ހެލްމެޓުތައް ހޯދާފައިވާނީ ގަވައިދުގެ މަތިން ބިޑުކޮށްގެން ކަމަށްވެސް ރަފީއު ވިދާޅުވިއެވެ.
ހެލްމެޓު ހޯދުމަށް ފުރިހަމަ ކުރަން ޖެހޭ ވޯކްޝޮޕުގައި ބައިވެރިވުމުގެ ޕޯޓަލްގެ ލިންކު މިނިސްޓްރީގެ ވެބްސައިޓްގެ އިތުރުން ސޯޝަލް މީޑިއާތަކުގައި ޝެއާކޮށްފައިވާ ކަމަށް ވިދާޅުވިއެވެ. މި ޕޯޓަލްއިން ފުރަތަމަ ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްގައި ބައިވެރިވުމަށް ހުޅުވާލާފައިވަނީ މާލެ ސަރަހައްދުގެ މީހުންނަށް ކަމަށް ނަޒީރު ވިދާޅުވިއެވެ. އަދި މި ޕޯޓަލްއިން ނަން ނޯޓު ކުރާ މީހުންގެ ތެރެއިން ފުރަތަމަ 3000 މީހުންނަށް، އެކި ގްރޫޕް ތަކަށް ބަހާލައިގެން ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމަށް ދައުވަތު ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
މީގެ އިތުރުން މާލޭގައި ކުރިއަށްދާ ޕްރޮގްރާމްތަކަށް ފަހު ލ އަދި އައްޑު އަތޮޅުގައި ބާކީ ހުރި ހެލްމެޓް ދިނުމަށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ކުރިއަށްގެންދާނެކަމަށް ނަޒީރު ވިދާޅުވިއެވެ. ޕްރޮގްރާމުގައި ބައިވެރިވުމަށް މިހާރު ރަޖިސްޓްރީ ކުރުމަށް ހުޅުވާލާފައިވާއިރު، މި ޕްރޮގްރާމްތަކުގައި ބައިވެރި ވެވެނީ ޑްރައިވިންގް ލައިސަންސް އޮންނަ މީހުންނަށެވެ.