ނިމިދިޔަ ރިޔާސީ އިންތިހާބުގެ ނަތީޖާ އިއުލާންކުރަން ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމުން) އިން 1.2 މިލިއަން ރުފިޔާ އަށް ކުއްޔަށް ގެނައި ވާޗުއަލް ސެޓުގެ ބޭނުން ނުހިފި، އެކަމަށް ކުރެވިފައިވަނީ ބޭކާރު ހަދަރެއްކަން ހާމަވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، މެލޭޝިޔާގެ ކުންފުންޏެއްގެ އަތުން ގެނައި އެ ސެޓްގެ ކުއްޔަކީ ދުވާލަކަށް 83،000 ޑޮލަރެވެ. ސެޓް ކުއްޔަށް ގެނަސްފައިވަނީ ވެސް އެންމެ ރެއަކު ބޭނުންކުރުމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭގެ އާސެޓެއްވެސް 83،000 ޑޮލަރަށް ގަންނަން ލިބެ އެވެ.
މައުލޫމާތު އެނގިވަޑައިގަންނަވާ ބޭފުޅަކު "މިހާރު" އަށް ވިދާޅުވީ އަގު ބޮޑުކޮށް ކުއްޔަށް ނަގާ ނަމަ ވެސް އެންމެ ދުވަހަކު ބޭނުންކޮށްލަން އެފަދަ ސެޓެއް 50،000 ޑޮލަރަށް ލިބޭނެ ކަމަށެވެ.
ރިޔާސީ އިންތިހާބުގެ ނަތީޖާ ޕީއެސްއެމްގެ ޕްރެޒެންޓަރުން އިއްވާފައިވަނީ އެކަމަށްޓަކައި ހަދާފައިވާ ސެޓުގެ ކުރިމަތީގައި ހުރި ޓީވީއަކަށް ބަލައިގެންނެވެ.
ނަމަވެސް އޮގްމެންޓެޑް ރިއަލީ ކުއްޔަށް ގެނެސްފައިވަނީ ޕްރެޒެންޓަރުގެ ފަހަތުން ނަތީޖާ ބާތައް އެރުވުމަށެވެ.
ނަން ނުޖެހުމަށް އެދި ޕީއެސްއެމްގެ އިސް ބޭފުޅަކު ވިދާޅުވީ، ބޮޑު އަގެއްގައި ކުއްޔަށް ގެނެސްގެން އެ ސެޓު ބޭނުން ނުކުރެވުމަކީ، ދައުލަތަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް އިންތިހާބު ކާމިޔާބު ކޮށްދިނުމަށް އަމާޒު ކޮށްގެން ގިނަ ކަންތައްތަކެއް ކޮށްފައިވާކަމުގެ ތުހުމަތު ވަނީ ކުރެވިފަ އެވެ. އަދި އޭރު ޕީއެސްއެމްގެ އިސް ވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އެތައް ހަރަދުތަކެއް ކޮށްފައިވާކަމުގެ ތުހުމަތުވެސް ވަނީ ކުރެވިފަ އެވެ. އެހެންކަމުން އެކަމާ ގުޅޭ ބައެއް މައްސަލަތައް ވަނީ އޭސީސީއަށް ވެސް ފޮނުވައިފަ އެވެ.