ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅުއްވާނެ ކަމަށް ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ވިލިމާލޭ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.
ނިހާން މިހެން ވިދާޅުވީ ޕްރޮގްރެސިވް ކޮންގްރެސްއިން މިހާރު ކުރިއަށް ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ނިހާން ވިދާޅުވީ ޑިފެންސް މިނިސްޓަރުގެ އިތުބާރު ނެތް ކަމާ ގުޅުންހުރި މައްސަލައިގެ ލިޔުން މިއަދު މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.
"އަވަށްޓެރި ގައުމަކަށް ވަޑައިގެން މި ގައުމު ނިކަމެއްޗަސް، މި ގައުމުގައި ހަތިޔާރު ނެތަސް، މިގައުމުގެ ޑިފެންސް މިނިސްޓަރަކަށް ހުންނެވި ބޭފުޅަކަށް އެހެންތަނެއްގައި ވިދާޅެއް ނުވެވޭނެ ތިމަންނަގެ ގައުމު ހިފޭނެއެކޭ، ނޫނީ ހިފާ ހައްޔަރުކޮށްފާނަމެކޭ،" އޭނާ ވިދާޅުވިއެވެ.
އެ މައްސަލައަކީ މިނިސްޓަރު ސާފުކޮށް ޖަވާބުދާރީވާން ޖެހޭނެ މައްސަލައެއް ކަމަށް ނިހާން ވިދާޅުވިއެވެ.
"އެއިން ކޮންމެ ސަބަބަކާ ހުރެ މިނިސްޓަރު ވިދާޅުވި ކަމެއް ނަމަވެސް އެކަމަނާއަކީ ޑިފެންސް މިނިސްޓަރު ކަމުގެ މަގާމަށް ކުފޫ ހަމަ ނުވާ ބޭފުޅެއް ކަން އެކަމަނާގެ އަމިއްލަ ނަފްސަށް ވެސް އަދި މި ދިވެހި ގައުމުގެ ގިނަ ދިވެހި ރައްޔިތުން ގަބޫލުކުރައްވާނެ،" އޭނާ ވިދާޅުވިއެވެ.
ނިހާން ވިދާޅުވީ މިހާރު ވަނީ އެ މައްސަލައާ ގުޅޭ ލިޔެކިޔުންތައް ފުރިހަމަކުރައްވާފައި ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުން ދަނީ ސޮއިތައް ހަމަކުރުމުގެ މަސައްކަތް ކަމަށްވެސް ނިހާން ވިދާޅުވިއެވެ.