ދިވެހި ސަރުކާރާއި ސިންގަޕޫރު ސަރުކާރާ ދެމެދު ދަތުރުފަތުރާ ގުޅޭ ދެ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ސިންގަޕޫރު ސަރުކާރާއެކު މިއަދު ސޮއިކުރެވުނު އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއެވެ. އަދި ސިންގަޕޫރު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެގައުމުގެ ޓްރާންސްޕޯޓް އެންޑް ޓްރޭޑް ރިލޭޝަންސް މިނިސްޓަރު އެސް އިސްވަރަން އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނީ މިއަދު ސޮއިކުރެވުނު ފުރަތަމަ އެއްބަސްވުމަކީ ޓްރާންސްޕޯޓްއާ ގުޅުންހުރި ކަންތައްތަކުގައި ދެ ގައުމު ގުޅިގެން މަސައްކަތްކުރުމަށް ވެވުނު އެއްބަސްވުމެއް ކަމަށެވެ. މި އެއްބަސްވުމުގެ ދަށުން އޭވިއޭޝަނާ ގުޅުންހުރި ތަމްރީނުތަކާއި މެރިޓައިމް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދިނުމާއި ޓްރެފިކް މެނޭޖްކޮށް ބެލެހެއްޓުމުގެ ކަންތައްތަކުގައި ގުޅިގެން މަސައްކަތް ކުރަން ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
ދެވަނައަށް ސޮއިކުރެވުނު އެއްބަސްވުމަކީ އެއާކްރާފްޓް ހާދިސާތަކާއި ދިމާވާ ހާދިސާތައް ތަހުގީގުކުރުމަށް ގުޅިގެން މަސައްކަތްކުރަން ވެވުނު އެއްބަސްވުމެއް ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެއެވެ.