ޚަބަރު

ރަސްފަންނު ޕެވިލިއަން ހިންގަން ލެމަންގްރާސްއަށް، ހުކުރު ދުވަހު ހުޅުވަނީ

އަލީ ޔާމިން

މާފަންނުގައި ހުންނަ ރަސްފަންނު ޕެވިލިއަން ހިންގުން، ލެމަންގްރާސްއާ ހަވާލުކޮށްފިއެވެ.

"ޕޮމެލޯ"ގެ ނަމުގައި ހިންގަން ނިންމާފައިވާ ޕެވިލިއަންގެ ރެސްޓޯރެންޓް ހުޅުވަން ނިންމާފައިވަނީ އަންނަ ހުކުރު ދުވަހުއެވެ. އެ ރެސްޓޯރެންޓަކީ 400 މީހުންގެ ޖާގައިގެ ރެސްޓޯރެންޓެކެވެ. އެއާއެކު އެ ރެސްޓޯރެންޓް ވެގެންދާނީ ލެމަންގްރާސް ގްރޫޕުން މާލޭގައި ހިންގާ އެންމެ ޖާގަ ތަނަވަސް ރެސްޓޯރެންޓަށެވެ. މިހާރުވެސް ލެމަންގްރާސް ގްރޫޕުން މާލޭގައި ފަސް ރެސްޓޯރަންޓެއް ހިންގައެވެ.

ލެމަގްރާސްގެ މާކެޓިން މެނޭޖަރު އަހުމަދު ޝިރުހާން "ވަން" އަށް މިރޭ ވިދާޅުވީ، ތިން ބުރީގެ ޕެވިލިއަންގެ ގްރައުންޑް ފްލޯ ހާއްސަކޮށްފައިވަނީ ޕޭސްޓްރީ އާއި ލުއި ކާނާގެ ބާވަތްތަކަށް ކަމަށެވެ. އޯޑަރު ދީގެން ކެއުމަށް ފުރަތަމަ ފަންގިފިލާ ހާއްސަ ކުރާ އިރު، ދެވަނަ ފަންގިފިލާއިން ކޮފީ އާއި ބުފޭގެ ހިދުމަތް ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ އެހެން ރެސްޓޯރެންޓުތަކެކޭވެސް އެއްގޮތަށް މިތަނުންވެސް ތިން އިރު ބުފޭގެ ހިދުމަތް ލިބިގެން ދާނެ،" ޝިރުހާން ވިދާޅުވިއެވެ.

ޝިރުހާން ވިދާޅުވީ، މި ރެސްޓޯރެންޓުގެ މެނޫގައި ހިމެނޭނީ ޒަމާނީ ކެއުންތައް ކަމަށާއި ނަމަވެސް އާންމުކޮށް ދިވެހިންގެ މެދުގައި މަގުބޫލު ކެއުންތައްވެސް ލިބެން ހުންނާނެ ކަމަށެވެ.

ޕެވިލިއަން ރެސްޓޯރެންޓް ފަރުމާކޮށްފައިވަނީ، ކުދި އިވެންޓުތައް ބޭއްވުމަށް ވަކިވަކި ބައިތައް ދޫކުރާ ގޮތަށެވެ.

"ވަކިވަކި ކޯރިޑޯތައް އަޅުގަނޑުމެން ދޫކުރާ ގޮތަށް ހަމަޖައްސާފައި މިއޮތީ، ކުދި އިވެންޓުތައް ބޭއްވޭ ގޮތަށް. މިސާލަކަށް ފެމިލީ ގެދަރިން ފަދަ ކަންކަން ކޮށްލެވޭނެ،" ޝިރުހާން ވިދާޅުވިއެވެ.

ކުޑަކުދިންނަށް ޕްލޭ އޭރިއާއެއްވެސް ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ ޕެވިލިއަން ރެސްޓޯރެންޓަކީ މާލޭގައި ހުރި އެންމެ ޖާގަ ތަނަވަސް އަދި އެންމެ ހިތްފަސޭހަ އެއް ރެސްޓޯރެންޓެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 13.9 މިލިއަން ރުފިޔާ ހަރަދުކޮށްގެން 2016 ވަަނަ އަހަރު ރަސްފަންނުގައި ހެދި ޕެވިލިއަން އެންމެ ފުރަތަމަ ހިންގަން ހަވާލުކުރީ ސިބްކޯ ޕްރައިވެޓް ލިމިޓެޑާއެވެ. ނަމަވެސް 2019 ވަނަ އަހަރު އެމްޑަބްލިއުއެސްސީން ވަނީ ސިބްކޯއާއެކު ހެދި އެއްބަސްވުން ބާތިލުކޮށްފައެވެ. ޕެވިލިއަން ބަންދުކުރުމުގެ ކުރިން އެތަނުގައި މަޝްހޫރު ރެސްޓޯރެންޓުތަކެއް ދިޔައީ ހިންގަމުންނެވެ. އޭގެ ތެރޭގައި ޗިކިން އާއި ގްލޯރިއާ ވެސް ހިމެނެއެވެ.