މާޅޮސްމަޑުލު ދެކުނުބުރީ ކަމަދޫއަށް އިޖްތިމާޢީ ގޮތުން ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކުގެ މަޢުލޫމާތު އެ ރަށު ކައުންސިލް މެންބަރުން ރައީސުލް ޖުމްހުރިއްޔާ އިބްރާހިމްމުހައްމަދު ސޯލިހުއާ ހިއްސާ ކުރައްވައިފިއެވެ.
މިކަން އޮތީ އިމިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުވުމެއްގައެވެ.
މި ބައްދަލުކުރެއްވުމުގައި، ކަމަދޫ ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމާއި، ބަނދަރު އަލުން ހެދުމާއި، ކުޅިވަރު ކުޅޭނެ ދަނޑުތައް ތަރައްޤީކުރުމާބެހޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.
މީގެ އިތުރުން ކައުންސިލުން ރަށުގެ ތަރައްޤީއަށް ރާއްވަވާފައިވާ މަސައްކަތްތަކާއި، މިހާރު ކުރިއަށްދާ މަސައްކަތްތަކާއި، ރަށަށް ބޭނުންވެފައި ހުރި ކަންކަމުގެ މަޢުލޫމާތާއި، ރަށުގެ ކަންކަން ތަރައްޤީކޮށް ކުރިއެރުވުމުގައި ދިމާވާ ދަތިތައް ވަނީ ރައީސުލްޖުމްހޫރިއްޔާއާއި ޙިއްސާ ކުރައްވައިފައެވެ.
ކަމަދޫ ރައްޔިތުންނަށް ދިމާވެފައިވާ ބޮޑެތި މައްސަލަތައް ފާހަގަ ކުރައްވައި ވާހަކަ ދައްކަވަމުން، އެންމެ ބޮޑު އެއް ގޮންޖެހުމެއްގެ ގޮތުގައި ކައުންސިލްގެ މެންބަރުން ފާހަގަ ކުރެއްވި އެއް ކަމަކީ ސާފު ބޯފެނުގެ ނިޒާމާއި ނަރުދަމާގެ ނިޒާމު ގާއިމުވެފައި ނެތުމުން ދިމާވާ ގޮންޖެހުން ތަކުގެ މައްސަލައެވެ.
މީގެއިތުރުން ކަމަދޫގައި ކުށް ގިނަވަމުން ދާތީ އެކަމަށް ޙައްލެއް ހޯއްދަވައިދެއްވުމަށް ކައުންސިލް މެންބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދިވަޑައިގެންފައެވެ.
މީގެއިތުރުން ރަށުގައި ރަށްކާތެރިކަމާއެކު ކުނި ނައްތާލެވޭނެ އިންތިޒާމު ވީހާ ވެސް އަވަހަކަށް ހަމަޖައްސަވައިދެއްވުމަށް ކައުންސިލް މެންބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދިވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުމުގައި ކަމަދޫ ކައުންސިލުގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމާއި، ބަނދަރު އަލުން ހެދުމާއި، ކުޅިވަރު ކުޅޭނެ ދަނޑުތައް ތަރައްޤީކުރުމަށް ބޭނުންވާކަން ހާމަކުރައްވާފައި ވެއެވެ.
މީގެ އިތުރުން ވެސް ރަށުގެ ރަށްރަށުގައި އިޖްތިމާޢީ ގޮތުން ކުރިމަތިވާ އެކިއެކި ގޮންޖެހުންތަކުގެ މަޢުލޫމާތުވެސް މެންބަރުން ވަނީ ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވައިފައެވެ.
މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކަމަދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.