ޚަބަރު

ޕެޕާ ސްޕްރޭ ޖަހާފައިވަނީ ހާލަތަށް އެކަށީގެންވާ ވަރަށް ކަމަށް ބުނެ ފުލުހުން ނެރެފައިވަނީ ދޮގު ބަޔާނެއް: ޕީއެންސީ

މަރިޔަމް ޝަހުދާ

1

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުއްލި ގޮތަކަށް އިއްޔެ އައިޖީއެމްއެޗްއަށް ފަރުވާ ދިނުމަށް ގެންދިއުމާ ގުޅިގެން ހޮސްޕިޓަލުގެ ތެރެއަށް އެއްވި އެމަނިކުފާނުގެ ސަޕޯޓަރުން މައިތިރި ކުރުމަށް އައިޖީއެމްއެޗްގެ ތެރެއަށް ފުލުހުން ޕެޕާ ސްޕްރޭ ޖަހާފައިވަނީ ހާލަތަށް އެކަށީގެންވާ މިންވަރަށް ކަމަށް ބުނެ ފުލުހުން ނެރުނު ބަޔާން ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީން ދޮގުކޮށްފި އެވެ.

ޕީއެންސީން މިއަދު އާންމު ކުރި ބަޔާނެއްގައި ވަނީ ރައީސް ޔާމީންގެ ހާލު ދެކެލެއްވުމަށްޓަކައި ހޮސްޕިޓަލަށް ޒިޔާރަތްކުރި މީހުންގެ ގަޔަށް ފުލުހުން ޕެޕާ ސްޕްރޭ ޖެހި މައްސަލަ ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މިކަމާ ގުޅޭގޮތުން ފުލުހުން ނެރެފައިވާ ބަޔާނަކީ ދޮގު ބަޔާނެއް ކަމަށް ބުނެފަ އެވެ.

އެގޮތުން މި ބަޔާނުގައި ޕީއެންސީން ވަނީ ރައީސް ޔާމީންގެ އަރިހަށް ޒިޔާރަތް ކުރި މީހުން ކާޑިއޮލޮޖީ ސެންޓަރު ތެރެއަށް ގަދަކަމުން ވަނުމަށް މަސައްކަތް ކުރި ކަމަށާއި އެކަން އެހެން ނުކުރުމަށް ނަސޭހަތްތެރިވި ކަމަށް ބަޔާންކޮށް ފުލުހުންގެ ބަޔާނުގައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ބުނެފަ އެވެ.

މިގޮތުން އިއްޔެ ހޮސްޕިޓަލަށް ރައީސް ޔާމީންގެ އަރިހަށް ޒިޔާރަތް ކުރުމަށް އެއްވި އެންމެންވެސް އެތަނުގައި ތިބީ ފުލުހުން އަންގަމުންދާ ކޮންމެ އެނގުމަކަށް ފުރިހަމައަށް ކިޔަމަންވެ ސުލްހަވެރިކަމާއެކު ކަމަށާއި، އެތަން ހޫނުކޮށް ތަނުގެ އެތެރޭގެ މަސްލަހަތު ގެއްލޭފަދަ ގޮތަކަށް ކަމެއް ހިނގާފައިވާނަމަ އެކަމެއް ހިނގާފައި ވަނީ އެތާތިއްބެވި ފުލުހުންގެ ބޭފުޅުން ހާލާއި ނުބައްދަލު ބާރުގެ ބޭނުންކޮށް އެތަނަށް ސުލްހަވެރިކަމާއެކު އެއްވެ ތިބި މީހުން ކޮށްޕައި ގަދަކަމުން ދުރަށް ޖައްސަން ކުރި މަސައްކަތުގެ ތެރޭގައި ކަމަށް ޕީއެންސީގެ މި ބަޔާނުގައި ވެއެވެ. އަދި ފުލުހުންގެ މި އަމަލު ކުށްވެރިކޮށް ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނާއި ހިއުމަން ރައިޓްސް ކޮމިޝަނަށް މި މައްސަލަ ބެލުމަށް އެ ޕާޓީން ވަނީ ގޮވާލައިފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟