ޚަބަރު

މާލޭ ރައްޔިތުންނަށް ގޯތިދޭން ކަނޑައަޅުއްވާ ޝަރުތުތައް މިނިސްޓަރު އަސްލަމް ހިއްސާ ކުރައްވައިފި

އިބްރާހިމް ޒަކީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދުފުޅުގެ ދަށުން މާލޭ ރައްޔިތުންނަށް މާލޭން ގޯތި ދިނުމަށް ކަނޑައަޅުއްވަމުން ގެންދަވާ ޝަރުތުތައް، މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ މުހައްމަދު އަސްލަމް ރައްޔިތުންގެ މަޖިލީހާ މިއަދު ހިއްސާ ކުރައްވައިފިއެވެ.

އެމައުލޫމާތު މިނިސްޓަރު އަސްލަމް މަޖިލީހާ ހިއްސާ ކުރެއްވީ، މާލޭ ރައްޔިތުންނަށް ގޯތި ދިނުމުގެ އުސޫލާ ބެހޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ ގޯތި ދިނުމަށް ހަތަރު ކެޓަގަރީއެއް ކަނޑައަޅާފައިވާ ކަމަށެވެ.

އެގޮތުން ގޯއްޗަށް ކުރިމަތިލެވޭ ޝަރުތު ތަކުގެ ތެރޭގައި މާލެއަށް އުފަން މާލޭގެ ރައްޔިތަކަށްވުމާއި، މާލޭގައި 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް އެ މީހެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައި ނެތުމާއި ވާރުތަވާން ނެތުން ހިމެނެއެވެ.

މާލޭގެ ދަފުތަރުގައި ޖެހިގެން މާލޭގައި ދިރިއުޅޭ މީހުންނަށް ލިބިފައިވާ ދަރިންގެ ތެރެއިން ދަފްތަރުގައި، ނުވަތަ މާލޭގެ ގެއެއްގައި ރަޖިސްޓްރީ ވެފައިވާ މީހަކަށްވުން ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް އެއްވެސް ތަންކޮޅެއް ނެތް މާލޭ ރައްޔިތުންނަކީ، ޝަރުތު ހަމަވާނެ މީހުން ކަމަށްވެސް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ގޯއްޗަށް ކުރިމަތިލާ ފަރާތްތަކަށް މާކްސް ދޭނެ ކެޓަގަރީތަކެއްވެސް ކަނޑައަޅާފައިވާ ކަމަށެވެ. އެގޮތުން 18 އަހަރާއި 25 އަހަރާ ދެމެދުގެ އުމުރު ފުރަ އާއި، ގޯއްޗެއް ލިބިއްޖެނަމަ ހެދުމަށް ބޭނުންވާ ފައިނޭންސް ރެއިސްކުރުމުގައި ހުރި ކަންތައްތަކަށް ބަލައި، ދޮށީ އުމުރުފުރާ ކަމަށްވާ 65 އަހަރުގެ މީހުންނަށް މާކްސްދޭނެ އުސޫލެއް ހިމެނޭނެ ކަމަށްވެސް ވިދާޅުވިއެވެ. އަދި ބަލަން ޖެހޭ ދެމީހުން ނުވަތަ ދެކުދިން ތިބިނަމަ، ވަކި ކެޓަގަރީއެއްގެ ގޮތުގައި ޕޮއިންޓް ލިބޭނެ ކަމަށާއި، އެއަށްވުރެ ކުދިން ގިނަ ނަމަ ވަކި ކެޓަގަރީއެއްގެ ގޮތުގައި ޕޮއިންޓް ލިބޭނެ ކަމަށްވެސް ވިދާޅުވިއެވެ. އެއާއެކު ނުކުޅެދޭ ކުއްޖަކު ބަލާނަމަ ޕޮއިންޓް ލިބޭ ކެޓަގަރީއެއްވެސް ހިމެނޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް އަސްލަމް ވިދާޅުވީ، މީހަކާ އިނދެގެން އުޅުމަށް މިފަހަރު މާކްސް ދިނުމަށް ނުވިސްނަވާ ކަމަށެވެ. ދެން އޮތީ ދިރިއުޅުމުގެ ހާލަތު ބެލުން ކަމަށާއި، އެކަމަށް އަދި ގޮތެއް ނުނިމޭ ކަމަށްވެސް ވިދާޅުވިއެވެ.

މިނިސްޓަރު އަސްލަމް ވިދާޅުވީ، އެ ކަންތައްތައް ފައިނަލް ކުރައްވާނީ، ރައްޔިތުންގެ މަޖިލީހުގެ މާލޭ ދާއިރާގެ މެންބަރުންނާއި، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕޮލިސީ ޓީމާއެކު މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށެވެ. އެކަންތައްތައް ފައިނަލް ވުމުން މާލޭ ރައްޔިތުންނަށް ގޯތި ދޭނެ އުސޫލު އާއްމު ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.