މިހާރަށް ވުރެ ކައުންސިލުތައް ބާރުވެރި ކުރުވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް، ކ. ގާފަރު ކައުންސިލާއެކު މަޝްވަރާކޮށްފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ކުރިއަށްގެންދިޔަ މި މަޝްވަރާ ބައްދަލުވުމުގައި ވަނީ ކައުންސިލްތައް ބާރުވެރި ކުރުމުގެ އިތުރުން ކަައުންސިލުތަކުން އިސްނަގައިގެން ރަށު ފެންވަރުގައި ހިންގިދާނެ ހަރަކާތްތަކާ ބެހޭގޮތުން މަޝްވަރާކުރައްވައިފައެވެ.
މި މަޝްވަރާ ބައްދަލުވުމުގައި ނައިބު ރައީސް ވަނީ އިޖުތިމާއީ ރޮނގުންނާއި ތަރައްގީގެ ރޮނގުން ކައުންސިލުން ކުރެވިދާނެ ކަންކަން ފާހަގަކުރައްވައި އެކަމާ ގުޅޭ ގޮތުން ވާހަކަދައްކަވައިފައެވެ. މީގެ އިތުރުން ތައުލީމީ ޖީލެއް ބިނާ ކުރުމަށް ސަރުކާރުން ފަހިކޮށްދެއްވަމުން ގެންދާ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ރައްޔިތުންނަށް ބާރު އެޅުމަށާއި ތައުލީމީ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ސްކޫލާ ގުޅިގެން މަސައްކަތް ކޮށްދެއްވުމަށް ނައިބު ރައީސް ވަނީ އެދެވަޑައިގެންފައެވެ.
ނައިބު ރައީސް ވަނީ ދިމާވެދާނެ ނުރައްކާތެރި ހާދިސާތަކުން ރައްކާތެރި ވުމަށްޓަކައި ޒިންމާދާރުކަމާއެކު ފިޔަވަޅު އަޅާފައި ބެހެއްޓުމުގެ މުހިންމުކަން ފާހަގަކުރައްވަމުން ރަށުގެ ރައްޔިތުންނާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ހާއްސަ އިސްކަމެއް ދެއްވުމަށް ގޮވާލައިފައެވެ. އަދި ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމަށްޓަކައި ރަނގަޅު އާދަތައް އަށަގެންނެވުމަށް އާންމުން ހޭލުންތެރި ކުރުވުމަށް އިތުރު ހަރަކާތްތައް ރޭވުމަށްވެސް އެދެވަޑައިގެންފައެވެ.
މި ބައްދަލުވުމުގައި ގާފަރު ކައުންސިލުން ވަނީ ކައުންސިލްތައް އިތުރަށް ބާރުވެރި ކުރުވުމަށްޓަކައި ސަރުކާރުން ދެއްވާ އަހަންމިއްޔަތުކަން ފާހަގަކުރައްވައިފައެވެ. މީގެ އިތުރުން ގާފަރު ރައްޔިތުންނަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، އާންމުން ކަންބޮޑުވާ ކަންކަމާ ބެހޭ މައުލޫމާތުގެ އިތުރުން ރަށުގެ ކުރިއެރުމަށް ކައުންސިލުން ރާވާފައިވާ ކަންކަމުގެ މައުލޫމާތު ކައުންސިލުން ވަނީ ނައިބު ރައީސަށް ދަންނަވައިފައެވެ.