ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް، އިއްޔެ އައިޖީއެމްއެޗަށް ގެނެސް އެޑްމިޓް ކުރުމަށް ފަހު މިއަދު މެންދުރު ފަހު މާފުށްޓަށް ގެންގޮސްފި އެވެ.
"ވަން އޮންލައިން"އަށް މައުލޫމާތުދެއްވަމުން ރައީސް ޔާމީންގެ ގާނޫނީ ވަކީލު އަބްދުﷲ ޝިޔާޒު ދާދި ދެންމެ ވިދާޅުވީ ރައީސް ޔާމީން މާފުށްޓަށް ގެންދިއުމަށް މާލެއިން ލޯންޗު ފުރާފައިވާ ކަމަށެވެ.
އައިޖީއެމްއެޗްގެ މީޑިއާ ހެޑް، މުހައްމަދު މުފީދު ދާދި ދެންމެ "ވަން އޮންލައިން"އަށް ވިދާޅުވީ މިއަދު މެންދުރު ފަހު 3:00ގައި ރައީސް ޔާމީން އެ ހޮސްޕިޓަލުން ޑިސްޗާޖުކޮށްފައިވާ ކަމަށެވެ.
ރައީސް ޔާމީން އައިޖީއެމްއެޗަށް ގެނައި މައްސަލަ ފާހަގަކުރައްވައި ޕީޕީއެމްއާއި ޕީއެންސީ ގުޅިގެން މިހާރު ކުރިއަށްގެންދާ ނޫސްވެރީންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ވަގުތީ ރައީސް އަބްދުއްރަހީމު އަބްދުﷲ ވިދާޅުވީ ރައީސް ޔާމީން ހޮސްޕިޓަލަށް ގެންދިޔައީ އޮޅުވާލުމެއްގެ ތެރެއިން ކަމަށެވެ.
އަދި ބަންދެއްގައި ހުރި މީހަކު އެއްތަނުން އަނެއްތަނަށް ގެންދާއިރު، އޭނާ ގެންދަނީ ކޮންތަނަކަށް ކަން އަންގައިދެން ޖެހޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ޝަރީއަތް ނިމެންދެން ރައީސް ޔާމީން ހައްޔަރުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރީ މި މަހުގެ 18 ވަނަ ދުވަހު އެވެ. އެ އަމުރު ނެރުނީ ޕީޖީން އެ ފަދަ އަމުރަކަށް އެދިވަޑައިގަތުމާ ގުޅިގެންނެވެ.
ރައީސް ޔާމީން ހައްޔަރުކުރުމާ މެދު ގޮތެއް ކަނޑައެޅުމަށް ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި، ދައުލަތުގެ ވަކީލު ވިދާޅުވީ، ހެކި ނައްތާލުމަށްޓަކައި ހެކީންނަށް ރިޝްވަތު ދެއްވުމަށް ރައީސް ޔާމީން މަސައްކަތްކުރައްވައިފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓުން އެ ދުވަހު ރައީސް ޔާމީން ހައްޔަރުގައި ބަހައްޓައިގެން ޝަރީއަތް ކުރިޔަށް ގެންދަން އަމުރު ކުރުމާ ގުޅިގެން، ކަރެކްޝަނުން ވަނީ އެމަނިކުފާނު ކޯޓުން ސީދާ މާފުށީ ޖަލަށް ގެންގޮސްފަ އެވެ.
މާފުށީ ޖަލަށް ގެންދިޔަ ފަހުން، ރައީސް ޔާމީން ވަނީ ކުއްލި ގޮތަކަށް އިއްޔެ އައިޖީއެމްއެޗަށް ގެނެސްފަ އެވެ. ފުލުހުން ބުނެފައިވަނީ އެމަނިކުފާނު މާލެއަށް ގެނައީ ރޫޓިން މެޑިކަލް ޗެކަޕަކަށް ކަމަށެވެ.
އެމަނިކުފާނު އައިޖީއެމްއެޗަށް ގެނެސް ވެއްދީ ހިތުގެ ބަލިތަކަށް ޚާއްސަ ކްލިނިކަށެވެ. ނަމަވެސް ރައީސް ޔާމީންގެ އަރިސް ބޭފުޅެއްކަމަށްވާ އަބްދުއްރަހީމް ވިދާޅުވެފައިވަނީ ޔާމީނަކީ ހިތުގެ މައްސަލައެއް ހުންނަ ބޭފުޅެއް ނޫންކަމަށެވެ.
ރައީސް ޔާމީން ކުއްލި ގޮތަކަށް އައިޖީއެމްއެޗަށް ގެނައުމާ ގުޅިގެން އެމަނިކުފާނުގެ ސަޕޯޓަރުން އިއްޔެ ވަނީ އެ ހޮސްޕިޓަލުގެ ތެރެއަށް އެއްވެފަ އެވެ. އަދި އެ ތަނުގައި ހިނގި ބައެއް ކަހަލަ ހަމަނުޖެހުން ތަކާ ގުޅިގެން ފުލުހުން ވަނީ އެއްވެ ތިބި މީހުން ދުރުކުރުމަށް ޕެޕަސްޕްރޭ ޖަހައިފަ އެވެ.
ފުލުހުން ފަހުން ނެރުނު ބަޔާނެއްގައި ބުނީ، ޕެޕާ ސްޕްރޭ ޖަހަން ޖެހުނީ އެ ތަނުގައި އެއްވެ ތިބި މީހުން އަޑު ގަދަ ކުރުމުގެ އިތުރުން، ހިތުގެ ބަލީގެ ޚާއްސަ ކްލިނިކު ތެރެއަށް ވަންނާން މަސައްކަތްކުރުމުގެ ސަބަބުން ކަމަށެވެ.