އިބްރާހިމް ޒަކީ
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ހުޅުމާލެ ދާއިރާއަށް ޕީޕީއެމް، ޕީއެންސީގެ ކެނޑިޑޭޓެއްގެ ގޮތުގައި، ޕީއެންސީގެ ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު ފައިސަލް އިބްރާހިމް ނެރެފައި ވަނިކޮށް އެކަމަށް ޗެލެންޖް ކުރައްވައި، ކުރީގެ ހޯމް މިނިސްޓަރު އަޒުލީން އަހުމަދު ވެސް ހުޅުމާލެ ދާއިރާއަށް ނިކުންނަވަން ނިންމަވައިފި އެވެ.
އަޒްލީން މިއަދު "ވަން އޮންލައިން"އަށް ވިދާޅުވީ، ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުންނަވައި އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައި މަޖިލިސް އިންތިހާބުަގެ ހުޅުމާލެ ދާއިރާއަށް ވާދަކުރެއްވުމަށް އިއްޔެ އިލެކްޝަނަށް ފޯމު ހުށަހަޅުއްވާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ، ހުޅުމާލެ ދާއިރާގެ ޓިކެޓް ފައިސަލް އަށް ދިނީ އެއްވެސް ހަމައެއް، އުސޫލަކުން ނޫން ކަމަށެވެ.
"ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުރިނަމަވެސް އަޅުގަނޑު ބަލަން މިޖެހެނީ ޕީޕިއެމްގެ ތެރެއިން މީހަކު ނެރުނީ ކޮން ހަމައަކުންތޯ؟ ޕްރައިމަރީއެއްނެތި، އެއްވެސް އުސޫލެއް ނެތި ނެރުނީމާ ދެން ސިޔާސީ ގޮތުން ކުރިއަށްދާން ބަޔަކު މަސައްކަތްވެސް ކުރާނެ،" އަޒްލީން ވިދާޅުވި އެވެ.
އަޒްލީން ވިދާޅުވީ، ޕީޕީއެމްގެ މެންބަރެއްގެ ގޮތުގައި ހުންނަވައި، އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި މަޖިލީހުގެ އިންތިހާބަށް ނިކުންނަވަން ޖެހިވަޑައިގަތީ، އެއްވެސް އުސޫލެއްނެތި ޕްރައިމަރީއެއް ނެތި ބޭނުންވާ މީހުންނަށް ޓިކެޓް ދިނުމުން ކަމަށެވެ.
އަދި އޭނާ ވިދާޅުވީ ހުޅުމާލެ ދާއިރާއަށް ކުރިމަތިލައްވަން ނިންމެވުމުން ޕީޕީއެމްގެ ވައިބާ ގްރޫޕުންވެސް މިހާރު އޭނާ ބޭއްރުކޮށްލާފައިވާ ކަމަށެވެ.
"އަޅުގަނޑު ކުރިމަތިލުމާ ގުޅިގެން ޕީޕީއެމްގެ ވައިބާ ގްރޫޕުން އަޅުގަނޑު ބޭރުކޮށްލައިފި. އެކަމަކު ހަގީގަތަކީ އެމީހުން ދާއިރާތަކަށް މީހުން ނެރުނުއިރު މިސާލަކަށް އަބުދުއްރަހީމަކީ ޕީއެންސީގެ ލީޑަރު އަދި ރައީސް، ދެން އަބުދުއްރަހީމް ދަރިފުޅަށް އޭނަ އެއްވެސް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދެއްވައިފި. އެއީތޯއޭ ޑިމޮކްރަސީގެ އެންމެ ފުރިހަމަ ގޮތަކީ. ބައްޕަ ޕާޓީގެ ރައީސްކަމާ ހަވާކުވެގެން ދަރިފުޅަށް އެއްވެސް ކަހަލަ އުސޫލެއް ނެތި ޕްރައިމަރީއަކާނުލައި ޑިމޮކްރަސީގެ އެއްވެސް މިންގަނޑަކަށް ނުފެތޭ ގޮތަށް އަމިއްލަ ދަރިއަށް ޓިކެޓް ދިނުންތޯ؟" އަޒްލީން ސުވާލު ކުރެއްވި އެވެ.
އަޒްލީން ވިދާޅުވީި ގޮތުގައި އެކަންކަމަށް ބަލާއިރު، އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި މަޖިލީހަށް ނިކުންނެވީ، ރައްޔިތުންނަށް ހިދުމަތްކުރަން މިހާރު އެންމެ ރަނގަޅު ގޮތަކީ އަމިއްލަ ކެންޑިޑޭޓެއްގެ ގޮތުގައި ހުންނަވައިގެން އެއްވެސް ފިލްޓާ ކުރުމެއްނެތި އެއްވެސް ނުފޫޒެއްނެތި ސީދާ ރައްޔިތުންގެ ބަސް އިއްވޭނެ ގޮތަކީ އެއީ ކަމަށްވާތީ އެވެ.
އަޒްލީން ވިދާޅުވި ޕީޕީއެމް އަކީ ކިތަންމެ ބޮޑު ޕާޓީއެއް ނަމަވެސް ކާމިޔާބަކީ ﷲ މިންވަރު ކުރައްވާ އެއްޗެއް ކަމަށެވެ. އަދި ޕާޓީގައި އެކުގައި އުޅުއްވާ ގިނަ ބޭފުޅުން ތިއްބެވީ ވެސް އޭނާއާއެކު ކަމަށް އަޒްލީން ވިދާޅުވި އެވެ.