މިނިސްޓްރީ އޮފް ހޯމްއެފެއާޒް

މީޑިއާ ކައުންސިލުގެ އިންތިޚާބު އަންނަ މަހުގެ 2ގައި ބާއްވަނީ

މޯލްޑިވްސް މީޑިއާ ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު ހޮވުމަށް ބާއްވާ އިންތިހާބު އަންނަ މާޗު މަހުގެ ދެ ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.

ހޯމް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ އިންތިޚާބު އޮންނާނީ މާޗު މަހުގެ ދެވަނަ ދުވަހުގެ މެންދުރުފަހު 2:00 އިން 3:00އަށް އެ މިނިސްޓްރީގައި ކަމަށެވެ.

އިންތިޚާބުގައި ވޯޓުލެވޭނީ މިހާރު ކައުންސިލްގައި ތަމްސީލު ނުވާ ނޫސްތަކާއި ބްރޯޑްކާސްޓަރުންގެ މަސްއޫލު ފަރާތްތަކުގެ މެދުގައި ކަމަށެވެ. އަދި ވޯޓުލާން ރަޖިސްޓްރީކުރުން މިމަހުގެ 25، 26 އަދި 27 ވަނަ ދުވަހު އޮންނާނެ ކަމަށާއި ރަޖިސްޓްރީވުމަށް އެދޭ ފޯމް ހޯމް މިނިސްޓްރީން ލިބެން ހުންނާނެ ކަމަށް ބުނެފައިވެއެވެ.

މީޑިއާ ކައުންސިލްގެ ގޮނޑިއެއް ހުސްވީ އެކައުންސިލުގައި މީޑިއާތައް ތަމްސީލުކުރައްވާ މެންބަރެއްގެ ދައުރު ހަމަވުމުންނެވެ. ހުސްވެފައިވާ ގޮނޑިއަށް ކުރިމަތިލުމަށް ހުޅުވައިލުމުން ދެފަރާތަކުން ވަނީ ކުރިމަތިލައިފައެވެ. އެއީ އަވަސް އޮންލައިންގެ މެނޭޖިންގ އެޑިޓަރު އަހުމަދު ނާއިފުއާއި ނޫނު އިންފޯގެ ނޫސްވެރިޔާ އަހުމަދު ނައުޝާދެވެ.

މީޑިއާ ކައުންސިލް އެކުލެވިގެންވަނީ މީޑިޔާތަކުން އިންތިޚާބުވާ 8 މެންބަރުންނާއި، އަމިއްލަ ފަރާތްތަކުގެ ތެރެއިން އިންތިޚާބުވާ 7 މެންބަރުންގެ މައްޗަށެވެ.