ކުރީގެ ޓްރާންސްޕޯޓް މިނިސްޓަރު އާއިޝަތު ނަހުލާ

ގާނޫނުތަކަށް އިސްލާހު ގެނެސް ގަވައިދާ ހިލާފުވާ މީހުންނަށް ފިޔަވަޅު އަޅާނަން: މިނިސްޓަރު ނަހުލާ

ޝަހީދާ އަބްދުﷲ ސައީދު

އެއްގައުމުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ގާނޫނާއި ގަވައިދުތަކަށް އިސްލާހު ގެނެސް ގަވައިދާ ހިލާފުވާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ސަން އޮންލައިން އިން "ފަންސާސް މިނެޓް''ގެ ނަމުގައި އަލަށް ފެށި ވެބް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ ވިދާޅުވީ މާލެއާއި ހުޅުމާލޭގެ އިތުރުން ބުރިޖާއި ހައިވޭގައި ހިނގާ އެކްސިޑެންޓްތައް ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާ ކަމަށެވެ.

ނަހުލާ ވިދާޅުވީ ކޮންމެ ފުރާނައަކީވެސް އަގުބޮޑު ފުރާނައެއް ކަމަށާއި ކޮންމެ ފުރާނައެއްވެސް ގުޅިފައިވަނީ ބޮޑު އާއިލާއަކާ ކަމަށެވެ.

ގާނޫނުތަކަށް ތަބާވެ، ގާނޫނުތަކަށް ބޯލަނބަން އިލްތިމާސްކުރައްވައި މިނިސްޓަރު ވިދާޅުވީ ގާނޫނާއި ގަވައިދާ ހިލާފުވާ ފަރާތްތަކުގެ ސަބަބުން ބައެއް ފަރާތްތަކަށް ބޮޑެތި ގެއްލުންތައް ލިބިފައިވާ ކަމަށެވެ. އެކަން ހުއްޓުވަން ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ އަންނަ ކަމަށާއި އޭގެ ދަށުން ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.

އަދި ގަވައިދަށް އަމަލު ނުކުރުމުގެ ސަބަބުން ދިމާވާ ހިތާމަވެރި ހާދިސާތަކާ ގުޅިގެން އިހުމާލުވާ ފަރާތްތަކާ މެދު ހަރުދަނާ ފިޔަވަޅުތައް އަޅަންޖެހޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެގޮތުން ކަފިހި ހުރަސްމަތިން ހުރަސްކުރި އަންހެނެއްގެ ގައިގައި ކާރަަކުން ޖެއްސި ޑްރައިވަރާ މެދު މިހާރު އަމަލުކުރަމުން އަންނަ ގާނޫނާއި ގަވައިދުގެ ތެރެއިން އެޅެން އޮތް އެންމެ ބޮޑު ފިޔަވަޅު އަޅައިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.