ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ މައްޗަށް ކުރެވޭ މަނީލޯންޑާ ކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތް ނިމެންދެން އެމަނިކުފާނު ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލް ކޮށްދިނުމަށް އެދި ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ އެ ކޯޓުން ބަލައިގެންފި އެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލު، އަބްދުﷲ ޝިޔާޒް ދާދި ދެންމެ "ވަން އޮންލައިން"އަށް ވިދާޅުވީ ހައިކޯޓުގެ އިސްތިއުނާފަށް ހުށަހެޅި މައްސަލަ މިއަދު ބަލައިގެންފައިވާ ކަމަށާއި އެދި ވަޑައިގެންފައި ވާނީ ރައީސް ޔާމީން ބަންދުގައި ބަހައްޓައިގެން ޝަރީއަތް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލުކުރާން ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި، ރައީސް ޔާމީން ހައްޔަރުކުރާން ނެރުނު އަމުރަކީ ޣައިރު ގާނޫނީ އަމުރެއް. އެމަނިކުފާނު ހައްޔަރުގައި ބަހައްޓަން ޖެހޭ ފަދަ ސަބަބެއް ނެތް." ޝިޔާޒް ވިދާޅުވި އެވެ.
ޝަރީއަތް ނިމެންދެން ރައީސް ޔާމީން ހައްޔަރުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރީ މި މަހުގެ 18 ވަނަ ދުވަހު އެވެ. އެ އަމުރު ނެރުނީ ޕީޖީން އެ ފަދަ އަމުރަކަށް އެދިވަޑައިގަތުމާ ގުޅިގެންނެވެ. ރައީސް ޔާމީން ހައްޔަރުކުރުމާ މެދު ގޮތެއް ކަނޑައެޅުމަށް ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި، ދައުލަތުގެ ވަކީލު ވިދާޅުވީ، ހެކީންނަށް ރިޝްވަތު ދެއްވުމަށް ރައީސް ޔާމީން މަސައްކަތްކުރައްވައިފައިވާ ކަމަށެވެ.
ކްރިމިނަލް ކޯޓުން އެ ދުވަހު ރައީސް ޔާމީން ހައްޔަރުގައި ބަހައްޓައިގެން ޝަރީއަތް ކުރިޔަށް ގެންދަން އަމުރު ކުރުމާ ގުޅިގެން، ކަރެކްޝަނުން ވަނީ އެމަނިކުފާނު ކޯޓުން ސީދާ މާފުށީ ޖަލަށް ގެންގޮސްފަ އެވެ.
މާފުށީ ޖަލަށް ގެންދިޔަ ފަހުން، ރައީސް ޔާމީން ވަނީ ކުއްލި ގޮތަކަށް އިއްޔެ އައިޖީއެމްއެޗަށް ގެނެސްފަ އެވެ. ފުލުހުން ބުނެފައިވަނީ އެމަނިކުފާނު މާލެއަށް ގެނައީ ރޫޓިން މެޑިކަލް ޗެކަޕަކަށް ކަމަށެވެ. އެމަނިކުފާނު އައިޖީއެމްއެޗަށް ގެނެސް ވެއްދީ ހިތުގެ ބަލިތަކަށް ޚާއްސަ ކްލިނިކަށެވެ. އަދި މި ވަގުތު އޮންނެވީ އެ ތަނުގައި އެޑްމިޓް ކޮށްފަ އެވެ.
އައިޖީއެމްއެޗުން ރޭ ބުނީ، ރައީސް ޔާމީން ވަނީ 24 ގަޑި އިރަށް އެޑްމިޓުކޮށްފައި ކަމަށެވެ.
ރައީސް ޔާމީން ކުއްލި ގޮތަކަށް އައިޖީއެމްއެޗަށް ގެނައުމާ ގުޅިގެން އެމަނިކުފާނުގެ ސަޕޯޓަރުން އިއްޔެ ވަނީ އެ ހޮސްޕިޓަލުގެ ތެރެއަށް އެއްވެފަ އެވެ. އަދި އެ ތަނުގައި ހިނގި ބައެއް ކަހަލަ ހަމަނުޖެހުން ތަކާ ގުޅިގެން ފުލުހުން ވަނީ އެއްވެ ތިބި މީހުން ދުރުކުރުމަށް ޕެޕަސްޕްރޭ ޖަހައިފަ އެވެ.
ފުލުހުން ފަހުން ނެރުނު ބަޔާނެއްގައި ބުނީ، ޕެޕާ ސްޕްރޭ ޖަހަން ޖެހުނީ އެ ތަނުގައި އެއްވެ ތިބި މީހުން އަޑު ގަދަ ކުރުމުގެ އިތުރުން، ހިތުގެ ބަލީގެ ޚާއްސަ ކްލިނިކު ތެރެއަށް ވަންނާން މަސައްކަތްކުރުމުގެ ސަބަބުން ކަމަށެވެ.