ޚަބަރު

އޭޑީކޭއިން ބައެއް ޚިދުމަތްތަކަށް ނަގާ އަގު ބޮޑުކުރަން ނިންމައިފި

މަރިޔަމް ޝަހުދާ

އޭޑީކޭ ހޮސްޕިޓަލުގެ ބައެއް ހިދުމަތްތަކަށް ނަގާ އަގު ބޮޑު ކުރުމަށް އެ ހޮސްޕިޓަލުން ނިންމައިފި އެވެ.

އޭޑީކޭ ހޮސްޕިޓަލުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނިގޮތުގައި ބައެއް ޚިދުމަތްތަަކަށް ނަގަމުން އަންނަ އަގުތައް ބޮޑުކުރަން ނިންމާފައި ވަނީ އަންނަ މާޗު މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

އަގަށް ބަދަލުގެންނަ ހިދުމަތްތަކުގެ މައުލޫމާތު ހޮސްޕިޓަލުގެ ކައުންޓަރުން ލިބެން ހުންނާނެ ކަމަށް އޭޑީކޭގެ ބަޔާނުގައި ބުނެފައި ވެއެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އަގު ބޮޑުވާނެ ބައެއް ޚިދުމަތްތަކުގެ ތެރޭގައި ޑޮކްޓަރަށް ދެއްކުމުގެ ފީގެ އިތުރުން އެނދުގެ އަގު އަދި ބައެއް އޮޕަރޭޝަންތަކުގެ އަގު ހިމެނެ އެވެ.

އޭޑީކޭ އިން ހާމަކުރިގޮތުގައި ފާއިތުވި އަހަރުތަކުގައި އެ ހޮސްޕިޓަލުގެ މުވައްޒަފުންގެ މުސާރައާއި އުޖޫރަ %115 މައްޗަށް ގޮސްފައިވާ ކަމަށާއި ހިދުމަތް ދިނުމަށް ބޭނުންވާ މެޝިނަރީ އާއި ކޮންސިއުމަބަލްސް އަދި އެހެނިހެން ތަކެތި ހޯދުމަށްކުރާ ހަރަދު %117 މައްޗަށް ގޮސްފައި ވެއެވެ. އަދި 2008އިން ފެށިގެން ޑޮކްޓަރަށް ދެއްކުމުގެ ފީ، އަދި 2012 ފެށިގެން އެހެން ހިދުމަތްތަކުގެ އަގު މިއަދާ ހަމައަށް އެއް އަގުތަކެއްގައި ހިފަހައްޓާފައި ވީނަމަވެސް އަގު ތަކަށް ބަދަލު ގެނައުމަށް އެ ހޮސްޕިޓަލުން ނިންމާފައިވަނީ ހިދުމަތްތަކުގެ އަގަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސްގެން ނޫނީ ހޮސްޕިޓަލުގެ ހިދުމަތްތައް ފޯރިކޮށްދިނުމަކީ މާލީގޮތުން ދެކޮޅު ޖެއްސޭނެ ކަމަކަށް ނުވާތީ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެ އެވެ.