ޚަބަރު

ނިހާނު ފުލުހުންގެ ވެހިކަލަށް ހުރަސްއެޅި މައްސަލަ ބަލަން ފަށައިފި

އިބްރާހިމް ޒަކީ

ޖަލުގައި ބަންދު ކުރުމަށްފަހު އައިޖީއެމްއެޗްގައި މިހާރު އެޑްމިޓް ކޮށްފައިވާ، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި ރޭ މާލޭގައި ކުރި މުޒާހަރާގެ ތެރެއިން، ޕީޕީއެމްގެ ޕީޖީ ގްރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު، ފުލުހުންގެ ވެހިކަލަކަށް ހުރަސްއެޅި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން އޮންލައިން" އަށް މިއަދު ވިދާޅުވީ، ނިހާނުގެ އެ މައްސަލަ ބަލަން ނިންމައި އެކަމާގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

"އެކަން ބަލަން ނިންމައި އެކަމާގުޅިގެން ބަލަންޖެހޭ ކަންކަން ދަނީ ބަލަމުން،" ޕޮލިސް މީޑީއާ އޮފިޝަލް ވިދާޅުވި އެވެ.

ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން ރޭ ބޭއްވި މުޒާހަރާގެ ތެރެއިން ފުލުހުންގެ ވެހިކަލަކަށް ނިހާން ހުރައްއަޅަނިކޮށް ފެންނަ ވީޑިއޯއެއް ދަނީ ސޯޝަލް މީޑިޔާގައި ދައުރުވަމުންނެވެ.

އެ ވީޑިއޯ އިން ފެންނަނީ ކާނިވާ ސަރަހައްދުގައި ބޭއްވި މުޒާހަރާ ނިންމުމަށްފަހު، މުޒާހަރާގެ ބައިވެރިންނާ އެކު ޕީޕީއެމް އޮފީސް ހުންނަ ސަރަހައްދަށް ދަމުން އެ ތަނުގައި އޮތް ޕޮލިސް ވެހިކަލެއްގެ ފުރޮޅު ދަށަށް ނިހާން ގަލެއް ލައްވާ މަންޒަރެވެ.

އެކަން ކުރުމަށް ފަހު ނިހާން ވަރަށް ބާރަށް ކުރީ ސަފަށް ގޮސް އެންމެން އައުމަށް އަތުން އިޝާރާތް ކުރާ މަންޒަރު ވީޑިއޯ އިން ފެނެ އެވެ.


އެ ވީޑިއޯ އާންމުވިތާ ކުޑަ އިރުކޮޅެއް ފަހުން ނިހާން ކުރެއްވި ޓްވިޓާގައި ވިދާޅުވެފައިވަނީ ފުލުހުންގެ ވެހިކަލެއް ރައްޔިތުންތަކެއްގެ ތެރެއަށް ވަދެ ފަހަތަށް ދުއްވަން އުޅެފިނަމަ، ރައްޔިތުންނަށް އަނިޔާވެދާނެތީ އެފަދަ ކަމަކުން ސަލާމަތް ކުރުމަކީ ކޮންމެ މީހެއްގެ ވެސް ވާޖިބެއް ކަމަށެވެ.