ރިޔާޒް ރަޝީދު

ޕީޕީއެމްގެ ޕީޖީ ޑެޕިއުޓީ ލީޑަރުކަމުން ރިޔާޒު ވަކިކުރުމުގެ މަސައްކަތް ފަށައިފި

މުހައްމަދު އައުޒަމް

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރުކަމުން ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވަކިކުރުމުގެ މަސައްކަތް ފަށައިފިއެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެމްބަރަކު "ވަން" އަށް މިރޭ ވިދާޅުވީ ރިޔާޒު އެ މަގާމުން ވަކިކުރަން މިއަދު ބޭއްވި ޕީޖީ ގްރޫޕްގެ ބައްދަލުވުމެއްގައި ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް ރިޔާޒު ވަކިކުރެވޭނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ހުއްދަ ލިބިގެން ކަމަށް އެ މެމްބަރު ވިދާޅުވިއެވެ.

ރިޔާޒު މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށާފައި ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ރާއްޖެ ވަޑައިގަތުމުން އޭނާ އެމަނިކުފާނަށް މަރުހަބާ ދަންނަވައި ޓްވީޓެއް ކުރައްވާފައި ވަނިކޮށެވެ. އަދި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހުމަދު (އަބުޅޯ)އާ އެކު ރިޔާޒު ނަގާފައިވާ ފޮޓޯއެއް ވެސް މިއަދު މީސް މީޑިއާގައި ވަނީ ދައުރުވެފައެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުން ރައީސް ޔާމީން ބަލިވެވަޑައިގަތުމުން ރިޔާޒު ވަނީ އެކަން ގަބޫލުކުރައްވާފައެވެ. އޭނާ ވިދާޅުވީ އިންތިޚާބުން ބަލިވާން ޖެހުނީ ޕާޓީ ތެރޭގައި ބައިބައިވުން ބޮޑުވެ އަމާޒު ގެއްލުމުން ކަމަށެވެ.

އޭނާ ވިދާޅުވީ ޕީޕީއެމްގެ އަމާޒު ގެއްލުނީ ޕާޓީ ތެރޭގައި ތިބި އިޚްލާސްތެރިން ދޫކޮށް، ގޮތްނޭނގޭ މީހުންނަށް އިތުބާރު ކުރުމުން ކަމަށެވެ.