ލޯކަލް ޓުއަރިޒަމް އިސްތިހާރު ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ ދެ އަތޮޅެއް، ޖެޓް ސްކީގައި ހުރަސް ކުރުމުގެ ހަރަކާތެއް ބޭއްވުމަށް ޓުއަރިޒަމް މިނިސްޓްރީއިން ތައްޔާރުވާން ފަށައިފިއެވެ.
ލޯކަލް ޓުއަރިޒަމް އިސްތިހާރު ކުރުމަށް މިފަދަ ހަރަކާތެއް ޓުއަރިޒަމް މިނިސްޓްރީން ރާވަމުން ގެންދާކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެފައިވަނީ ނޫސްވެރިންނާ ބައްދަލު ކުރައްވައި ބޭއްވި ނުރަސްމީ ބައްދަލުވުމެއްގެ ތެރެއިންނެވެ.
މިކަން ވަނީ ޓުއަރިޒަމް މިނިސްޓަރުގެ ޕީއޭ, ވަން އޮންލައިން އަށް ކަށަވަރު ކޮށްދީފައެވެ.
ވަން އޮންލައިން އަށް މައުލޫމާތު ދެމުން ޓުއަރިޒަމް މިނިސްޓަރުގެ ޕީއޭ ވިދާޅުވީ މި ހަރަކާތް ކުރިއަށް ގެންދާނެ ގޮތް މިނިސްޓްރީން މިހާރު އަންނަނީ ޕްލޭން ކުރަމުން ކަމަށެވެ.
އަދި މި ކަމަކީ ޕްލޭނިންގ ސްޓޭޖްގައި ވާކަމެއް ކަމުން މިކަމާ ގުޅިގެން އިތުރު ތަފްސީލެއް މިވަގުތު ދެވެން ނެތްކަމަށް ޓުއަރިޒަމް މިނިސްޓަރުގެ ޕީއޭ ވިދާޅުވިއެވެ.
މި ސަރުކާރުން ރާއްޖޭގެ ޓުއަރިޒަމް އިސްތިހާރު ކޮށް އިތުރަށް ތަރައްގީ ކުރުމަށް އަންނަނީ ތަފާތު އެތައް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި އަހަރު ތެރޭގައި ވަނީ "ސްވިމް މޯލްޑިވްސް ބާ ބީއާރު ކްރޯލް 2019" ގެ ނަމުގައި 43 ކިލޯމީޓަރުގެ ބޮޑު ފެތުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފައެވެ.