އިންތިހާބެއް ފަސްކުރަން ހިފުމަކީ އެ އިންތިހާބަކުން ބަލިވުން ކަމަށް އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
އަންނަ މަހުގެ 16 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ބާއްވާ ތާރީހަށް ބަދަލު ގެނައުމަށް ހުށަހަޅާފައިވަނީ އެ މަގާމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ ފަރާތުންނެވެ. ފައްޔާޒް ހުށަހައްވާފައިވަނީ މެއި މަހުގެ 14 ވަނަ ދުވަހު އިންތިހާބު ބޭއްވުމަށެވެ. އެ މަގާމަށް ދެން ވާދަކުރައްވާ އިންތި ވަނީ އިންތިހާބު ފަސްކުރަން ނުވަތަ އިންތިހާބު ބާއްވާ ދުވަސް ބަދަލުކުރުމަށް ދެކޮޅު ހައްދަވައިފައެވެ.
ނަމަވެސް އިމާދުއްދީން ސްކޫލުގައި މިރޭ ބޭއްވި އެމްޑީޕީ ގައުމީ މަޖިލިސް ޖަލްސާގައި ފާސްކުރީ ފައްޔާޒު އެދުނު ދުވަހަށް އިންތިހާބު ފަސްކުރުމަށެވެ. އެގޮތަށް ފާސްކުރީ ގައުމީ މަޖިލީހުގެ 100 މެމްބަރުންގެ ވޯޓުންނެވެ. ވޯޓު ނުދެއްވާ 15 މެމްބަރުން ތިއްބެއްވި އިރު، ގައުމީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ތިބީ 115 މެމްބަރުންނެވެ.
އެގޮތަށް ފާސްކުރިތާ 15 ވަރަކަށް މިނެޓު ތެރޭގައި އިންތި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އިންތިހާބެއް ފަސްކުރަން ހިފުމަކީ އެ ފަސްކުރާ ހިސާބުން ފެށިގެން ބަލިވުން ކަމަށެވެ. އިމްތިޔާޒު އެގޮތަށް ވިދާޅުވެ ޓުވީޓު ކުރެއްވީ ފައްޔާޒަށް ނިސްބަތްކޮށެވެ.
"އިންތިހާބެއް ލަސްކުރަން ހިފުމަކީ އެހާތަނަށް އިންތިހާބުން ބަލިވުން،" އިންތި ވިދާޅުވިއެވެ.
ގައުމީ މަޖިލީހުގެ ޖަލްސާގައި މިރޭ ވާހަކަދައްކަވަމުން އިންތި ވިދާޅުވީ، އިންތިހާބު ބާއްވާ ތާރީހު ފަސްކުރަން ތާއީދު ނުކުރައްވާ ކަމަށެވެ. އެންމެ ދުވަހަކަށްވެސް އިންތިހާބު ފަސްކުރެވިގެން ނުވާނެ ކަމަށާއި ގައުމީ މަޖިލީހުން ނިންމި ނިންމުމެއް ބަދަލުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް އިންތި ވިދާޅުވިއެވެ.
"އަޅުގަނޑު ބޭނުމެއް ނޫން އިންތިހާބު ފަސްކުރާކަށް. އަޅުގަނޑު އެދެނީ މީގެ ކުރީން ވެސް ކޮމެޓީން ކަނޑައެޅި ތާރީހުގައި، އެއީ ރަމަޟާން މަހުގެ ދުވަހެއްކަން އެނގިތިއްބަވައި ކަނޑައެޅުއްވި ތާރީހުގައި ބޭއްވުން، ނޫނިއްޔާ އަވަސްކުރާ ކަމަށް ވަނީވިއްޔާ އަޅުގަނޑު އިއުތިރާޒެއް ނެތް. ލަސްކުރާ ކުރުމަށް އިންކާރު ކުރަން،" އިންތި ވިދާޅުވިއެވެ.
އިމްތިޔާޒަށް ތާއިދުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ، އިންތިހާބުތައް ފަސްކުރުމަކީ ޕީޕީއެމުން ކުރާ ކަހަލަ ކަމެއް ކަމަށެވެ. އެކަމަކީ އެމްޑީޕީން ތާއިދުކުރާ ކަމެއް ނޫން ކަމަށެވެ.
އެމްޑީޕީގެ މިހާރުގެ ޗެއާޕާސަން، ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ވިދާޅުވީ، އަންނަ މަހުގެ 16 ވަނަ ދުވަހު އިންތިހާބު ބާއްވަން ނިންމީ ދެ ކެންޑިޑޭޓުންގެ ވެސް ރުހުމާއެކުގައި ކަމަށެވެ. ނަމަވެސް ކެމްޕޭނަށް ރަށްރަށަށް ވަޑައިގަތުމުން ތާއީދު ނެތްކަން އެނގުމުން އިންތިހާބު ފަސްކުރަން ހުށަހެޅުމަކީ ނުފޫޒު ފޯރުވަން ކުރާ ކަމެއް ކަމަށެވެ. އަދި އެއީ އިންތިހާބުން ބަލިވާނެކަން ޔަގީންވުމުން ކުރާކަމެއް ކަމަށް ވިދާޅުވިއެވެ.
ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ، އިންތިހާބު ފަސްކުރަން ޖެހޭ ކަމަށެވެ. އަދި އެމްޑީޕީގެ އަސާސީގެ ގަވާއިދުގެ ދަށުން 60 ދުވަހުގެ މުއްދަތެއް ކެމްޕޭނު ކުރުމަށް ދޭން ޖެހޭ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.
"މި އިންތިހާބު ބާއްވަން ވާނީ މި ޕާޓީގެ ގިނަ މެންބަރުންނަށް ވޯޓުލެވޭނެ ގޮތަށް ރަމަޟާން މަހު ނޫން އަދި ވަގުތު ލިބިގެން އަސާސީ ގަވާއިދުގައިވާ 60 ދުވަހުގެ މުއްދަތު ލިބިގެން،" ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒަށް ތާއިދުކުރައްވައި ވާހަކަދެއްކެވި ގިނަ މެމްބަރުން ވަނީ، އިންތިހާބު ރޯދަ މަހުގައި ބާއްވާތީ އެކަމުގެ ޝަކުވާ ލިބެމުންދާ ކަމަށާއި އިންތިހާބު ފަސްކުރަން އާއްމު މެމްބަރުން ވެސް އެދެމުންދާ ކަމަށެވެ.