އަންނަ މަހުގެ 16 ވަނަ ދުވަހު ބާއްވަން ނިންމާފައިވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބު ބާއްވާ ދުވަހަށް ބަދަލު ގެނައުމާ މެދު ގޮތެއް ނިންމައިދިނުމަށް އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީން އެ ޕާޓީގެ ގައުމީ މަޖިލީހަށް ހުށަހަޅާފައިވުމުން ގައުމީ މަޖިލީހުން މިރޭ ބާއްވާ ޖަލްސާ ހޫނުވެއްޖެއެވެ.
އިމާދުއްދީން ސްކޫލުގައި މިހާރު ކުރިއަށްދާ ގައުމީ މަޖިލިސް ހޫނުވީ، ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަދި ޕީޖީ ގުރޫޕްގެ ކުރީގެ ލީޑަރު އަލީ އާޒިމަށް ދީފައިވާ ވަގުތު ހަމަވުމުން ވެސް އޭނާ ވާހަކަ މެދުކަނޑައިނުލެއްވުމުންނެވެ. އިތުރު ވަގުތުގައި އާޒިމް ވަނީ އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލަށް ނުސީދާކޮށް ފާޑުވިދާޅުވެފައެވެ.
އާޒިމް ވާހަކަދައްކަވަމުން ވިދާޅުވީ، ފައްޔާޒުގެ ފަރާތުން އިންތިހާބު ފަސްކުރަން އުޅެނީ އިންތިހާބަށާއި ވޯޓަށް ނުފޫޒު ފޯރުވަން ކަމަށެވެ. އެ ތުހުމަތު އާޒިމް ކުރެއްވުމާއެކު ފައްޔާޒަށް ތާއިދުކުރާ މެމްބަރުން ވަނީ އަޑުގަދަކުރަން ފަށައިފައެވެ.
އާޒިމްގެ އެ ތުހުމަތަށް ފައްޔާޒު ވަނީ ވާހަކަދައްކަވަން ލިބުނު ފުރުސަތުގައި ރައްދު ދެއްވައިފައެވެ. އެގޮތުން ފައްޔާޒު ވިދާޅުވީ، އޭނާގެ ޓީމު އޮތީ ގަދަކޮށް ސަރުކާރާއެކު ކަމަށާއި، ތުހުމަތުތަކެއް ކުރި ނަމަވެސް އެމްޑީޕީ ހިންގާލާނެ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ދަނީ ސަރުކާރުގެ ތެރެއަށް ނުފޫޒު ފޮރުވަމުން ކަމަށާއި ޗެއާޕާސަންގެ މަގާމަށް ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މަޖިލިސް މެންބަރު އިމްތިޔާޒް ފަހުމީގެ ޓީމުން ދަނީ ގޭގެއަށް ވަދެ ފައްޔާޒް އުޅުއްވަނީ ވަކި މީހަކު އެމްޑީޕީން ބޭރުކޮށްލަން ކަމަށް ބުނެ ދޮގު ހަދައި އޮޅުވާލަމުން ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި އެމްޑީޕީއަށް އެންމެ އިހުލާސްތެރި މީހުންނަކީ އެންމެ ފަހުން ޗެއާޕާސަންގެ މަގާމުގައި ހުންނެވި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފާއި އިމްތިޔާޒް ފަހުމީ އަދި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ކަމަށެވެ.
އެ ވާހަކަތަކަށް ރައްދުދެއްވައި މިރޭ ފައްޔާޒު ވިދާޅުވީ، އޭނާ ނުކުރާހާ މަސައްކަތެއް ވަކި އީވާ ވިދާޅުވި މެމްބަރުން ވެސް ކޮށްފައިނުވާނެ ކަމަށެވެ. އެމްޑީޕީގެ ހުރިހާ ކަމެއްގައި ގައުމީ މަޖިލީހުގެ ހުރިހާ މެމްބަރުންގެ ބައިވެރިވުން އެއްވަރުވާނެ ކަމަށް ވެސް ފައްޔާޒު ވަނީ ވިދާޅުވެފައެވެ.
އީވާގެ ވާހަކަތަކަށް ރައްދުދެއްވައި ފައްޔާޒު ވާހަކަ ދެއްކެވި އިރު، މެމްބަރުން ދިޔައީ އަތްޖަހައި ފައްޔާޒަށް ތާއީދު ކުރައްވަމުންނެވެ. އަދި ފައްޔާޒު ވާހަކަދައްކަވަމުން ގެންދެވި އިރު، "އެއީ ތެދެއް އެންމެން އެއްވަރަކަށް މަސައްކަތްކުރި. ހަނދާން ނެތިގެން އެ އުޅެނީ،" ފަދަ ބަސްތައް ފައްޔާޒަށް ތާއީދުކުރާ މެމްބަރުން ބުނަމުން ދިޔައެވެ.
އެއަށްފަހު ވާހަކަދެއްކެވި ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ ޝަފީގު ވިދާޅުވީ ޗެއާޕަސަންގެ މަގާމަށް ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން ވަކި ކެންޑިޑޭޓަކަށް ތާއިދުކުރުމުން ސަރުކާރު ތެރެއިން ކަންކަން ހަމަޖެހި ވަޒީފާ ލިބެމުންދާ ކަމަށެވެ.
އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބުގެ ވާދެވެރިކަން ވަނީ މަޖިލިސް ތަޅުމުގެ ތެރެއަށް ވެސް ވަދެފައެވެ. އިމްތިޔާޒުގެ ޓީމުން ތުހުމަތުކުރާ ގޮތުގައި ފައްޔާޒުގެ ޓީމުން ދަނީ ސަރުކާރު ކުންފުނިތަކަށް ބިރު ދައްކައި އިމްތިޔާޒަށް ވޯޓު ނުލުމަށް އަންގަމުންނެވެ. އަދި އިމްތިޔާޒަށް ތާއިދުކުރާ މުވައްޒަފުން ވަޒީފާއިން ވަކިކުރާ ކަމަށް ވެސް ތުހުމަތުކުރެއެވެ. ފައްޔާޒުގެ ޓީމުން އެ ހުރިހާ ތުހުމަތުތަކެއް ދޮގުކުރެއެވެ.
ދެ ކެންޑިޑޭޓުންގެ ވާދަވެރިކަން ބޮޑުވެފައިވާ އިރު، ފައްޔާޒު ނިސްބަތްވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނަށެވެ. އަދި އިންތި ނިސްބަތްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށެވެ. މިރޭގެ ގައުމީ މަޖިލީހުން ނިންމާ ގޮތެއް ވެގެންދާނީ އެމްޑީޕީގެ އެތެރޭގެ ކޮންޓްރޯލް އޮތީ ކޮން ފަޅިޔަކަށްކަން ހާމަވެގެންދާނެ ނިންމުމަކަށެވެ.