މުހައްމަދު ޖަމްޝަތް ވަހީދު
އަންހެނުން ބާރުވެރިކުރުމަށް ދިރާގުން، އެކުންފުނީގެ އާ ޖެންޑާ އެކްޝަން ޕްލޭނެއް އެކުލަވާލައިފިއެވެ.
މިއަދު ފާހަގަކުރަމުން ދާ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހާ ގުޅިގެން ދިރާގުން އެކުލަވައިލި ޖެންޑާ އެކްޝަން ޕްލޭނާ ބެހޭ މައުލޫމާތު ހިއްސާ ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއިލް ޝަރީފް މިއަދު އެ ކުންފުނީގެ އަންހެން މުވައްޒަފުންނާ ބައްދަލުކުރެއްވުމަށްފަހުއެވެ.
ދިރާގުގެ އާ ޖެންޑާ އެކްޝަން ޕްލޭންގެ ދަށުން މައިގަނޑު ތިން ކަމެއް ހާސިލުކުރަން ނިންމާފައިވާ ކަމަށް އެކުންފުނިން ބުންޏެވެ. އެއީ އަންހެނުންނަށް ދިރާގުން ވަޒީފާގެ ފުރުސަތު އިތުރުކުރުމާއި ޓެކްނިކަލް ދާއިރާގައި އަންހެން މުވައްޒަފުންގެ ބައިވެރިވުން އިތުރުކުރުމާއި މިހާރަށް ވުރެ ފަސޭހަ ވަޒީފާގެ މާހައުލެއް ގާއިމު ކޮށްދިނުމެވެ.
މީގެ އިތުރުންވެސް ފަސޭހަކަމާއެކު މަސައްކަތް ކުރުމާއި ވަކި އޮނިގަނޑެއްގެ ދަށުން މީހުން ތަމްރީން ކުރުމާއި ޓެކްނިކަލް، މެނޭޖީރިއަލް ރޯލްތަކާއި އެޕްރެންޓިސްޝިޕް ޕްރޮގްރާމުތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމާ ގުޅޭ ގޮތުން ވެސް މުވައްޒަފުންނާ އެކު މިއަދު މަޝްވަރާ ކޮށްފައިވާނެ ކަމަށް ދިރާގުން ބުންޏެވެ.
އަންހެނުންގެ ދުވަހާ ގުޅިގެން ދިރާގުން މިއަދު ކުރިއަށް ގެންދިޔަ ހާއްސަ ހަރަކާތްތަކުގެ ތެރެއިން ދިރާގުގައި ވަޒީފާ އަދާކުރާ މައިންނަށް، އެމީހުންގެ ކުދިން މަސައްކަތުގެ މާހައުލަށް ގެނެސް، ކުރާ މަސައްކަތް ދައްކައިދީ، އޮފީހުގެ ޓުއާއެއް ވަނީ ދީފައެވެ. އަދި އެހެން މުވައްޒަފުންނާ ބައްދަލު ކުރުމުގެ އިތުރުން އެ ކުދިންނަށް ބައިވެރިވެވޭ ގޮތަށް ގޭމް ފަދަ ހަރަކާތްތައް ވެސް ހެޑް އޮފީހުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
ދިރާގުން ބުނީ އެކުންފުންޏަކީ މިންތީގެ ހަމަހަމަކަން ގާއިމުކޮށް، ދެ ޖިންސުގެ މީހުންނަށް ވެސް ހަމަހަމަ ފުރުސަތުތައް ފަހިިކޮށްދޭ ކުންފުންޏެއް ކަމަށެވެ. އަދި އެކަމަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަ ކުރުމަށްޓަކައި 2019 ވަނަ އަހަރުގެ ތެރޭގައި ވިމެން އެމްޕަވަމަންޓް ކޮމެޓީއެއް ވެސް އެކުލަވާލާފައިވާ ކަމަށްވެސް ބުންޏެވެ.
މީގެ އިތުރުންވެސް މެޓާނިޓީ ލީވްއަށް ފަހު ވަޒީފާއަށް ނުކުންނަ މުވައްޒަފުންނަށް ހާއްސަކޮށްގެން މަދާސް ރޫމްގެ ނަމުގައި ހާއްސަ ތަނެއް، 2020 ގެ ތެރޭގައި އެ ކުންފުނިން ވަނީ ގާއިމުކޮށްފައެވެ.
ދިރާގުން އަންނަނީ އިޖުތިމާއީ ޒިންމާގެ ދަށުން އަންހެނުންގެ ބާރުވެރިކަން އިތުރުކުރުމަށް އެކި ފަރާތްތަކުން ކުރިއަށްގެންދާ ޕްރޮގްރާމުތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ވެސް ފޯރުކޮށްދެމުންނެވެ.